ސީލައިފް އެއްބަސްވުމުގައި ސޮއި ކުރުން
ސީލައިފް އެއްބަސްވުމުގައި ސޮއި ކުރުން
ސީ-ލައިފް ގްލޯބަލް އިންކުން ފްލެޓް ގަތް މީހުންނަށް ބަދަލުގެ ގޮތުގައި 48 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 300 އަށްވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 48 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ޝާމް ވިދާޅުވީ މިހާރު ކުރިއަށްދަނީ ގެއްލުންލިބުނު ފަރާތްތަކުގެ މެދުގައި ހެދިފައިވާ "ޓްރައިޕާޓީ" އެގްރީމެންޓްގެ ދަށުން އެޕާޓްމެންޓް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ޚިޔާނާތުގައި ގެއްލުން ލިބުނު 300 މީހަކަށް ބަދަލުގެ ގޮތުގައި 48 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާ އަތުލުމަށްފަހު ފިލައިގެން އުޅެނިކޮށް މާލެ ގެނެސްފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ، އަންމަޓީގެ މައްޗަށް ދައުލަތުން މިހާރު ވަނީ 42 ދައުވާއެއް އުފުލާފައެވެ. ނަމަވެސް ކޯޓުން މިއަދު ވަނީ ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން