ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ (މ)
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ (މ)
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި މިއަދު ބޭއްވުމަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

އީސައަށް ތުހުމަތު ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގައިގައި ތަޅައި މާރާމާރީ ހިންގުމާއި، އެދެމީހުންގެ ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލަ އެެވެ. އެމައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އެމައްސަލާގައި މިއަދު 11:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައިވަނީ މައްސަލަ ބައްލަވާ ޤާޟީ ސަލާމުގައި ހުންނެވުމުންނެވެ. ޕީޖީ އޮފީހުން ބުނީ، އީސަގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާ ކަމަށެވެ. އީސަގެ މައްޗަށް އުފުލި ދައުވާގެ ކުށަކީ ޖުނަހްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަދަބަކީ، ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

ގާނޫނު އަސާސީގައި ބުނެފައިވަނީ މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ ކަމަށެވެ. އެހެންކަމުން، މި މައްސަލަ އީސަގެ މައްޗަށް ސާބިތުވި ނަމަވެސް، އީސަގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

އީސަގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އޭނާގެ ކުރީގެ އަނބިކަބަލުން ވަނީ އެމައްސަލަ ކުރިއަށް ނުގެންދިޔުމަށް އެދިވަޑައިގެންފައެވެ. ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ސިޓީއެއްގައި އީސަގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް (އަސޫ) ވިދާޅުވީ އީސައާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅުއްވައި ބަޔާން ދެއްވީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށެވެ. އީސައާ ދެކޮޅަށް ގެވެށިއަނިޔާގެ މައްސަލައެއް ހުށަހެޅީ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން އެކަމާ މެދު އުފެދުނު ދެބަސްވުމެއްގައި ކަމަށް އަސްރާ ވިދާޅުވިއެވެ. އަސޫ ވިދާޅުވީ މައްސަލަ ހުށައަޅައި ފުރަތަމަ ދެއްވީ ސައްހަ ބަޔާނެއްވެސް ނޫން ކަމަށެވެ. އަސްރާގެ ސިޓީގައި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ނިންމާލުމަށް ވަނީ އެދިވަޑައިގެންފައެވެ. އެ މައްސަލައިގައި އީސަގެ މައްޗަށް ޝަރީއަތުން ހުކުމެއް އައުން އިންސާފުވެރި ނޫން ކަމަށް އަސޫ ވިދާޅުވިއެވެ.

އީސަ ގެވެށި އަނިޔާކުރި ކަމަށް ވިދާޅުވެ ބަޔާން ދެއްވުމަށް ފަހު، އަސްރާ ފަހުން ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފުލުސް އޮފީހުގައިވެސް އެދިވަޑައިގެންފައެވެ. އޭނާ އެގޮތަށް އެދިވަޑައިގަތް ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުން ހުއްޓާނުލައެވެ. އަދި ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައެވެ. ޕީޖީ މިހާރު ވަނީ އެމައްސަލައިގައި އީސާގެ މައްޗަށް ދައުވާކުރުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.

އެމައްސަލައާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަގާމުތަކުން ވެސް އީސަ ސަސްޕެންޑް ކޮށްފައިވާއިރު، އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތައް އޭނާ މީގެ ކުރިން ވަނީ ދޮގުކުރައްވާފައެވެ. އީސަ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން