ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ކ). އާއި ޕީޖީ ޝަމީމް (ވ)
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު (ކ). އާއި ޕީޖީ ޝަމީމް (ވ)
ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަޙީދުގެ މައްސަލަ އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މަސައްކަތުގެ މާހައުލުގައި ހިންގައިގެން ނުވާނެ ޢަމަލުތަކެއް ހިންގާފައިވާތީ މަޤާމުން ވަކިކޮށްފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާތީ، އެކަމާ ނުރުހުން ފާޅުކޮށް ޕީޖީ އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. ޕީޖީ އޮފީހުގެ ބަޔާނުގައި އެ މައްސަލާގައި އެ އޮފީހުގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށް އެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި ނިންމުން އިސްތިއުނާފް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ ކްރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޢަލީ ވަޙީދު ބައިވެރިވެފައިވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީޢަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީޢަތާ ސުވާލުކޮށްފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން އިއުތިރާޒްކުރި ކަމަށެވެ.

"ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށެވެ." ޕީޖީގެ ބަޔާނުގައި ވެއެވެ.

ޕީޖީ އޮފީހުން ބުނީ، ޝަރީޢަތުން ނިންމަވާ ނިންމެވުންތައް މައްސަލާގައި ހިމެނޭ ދެ ފަރާތާ ލިޔުމުން ޙިއްޞާކުރަންޖެހޭ ކަމަށާއި، އެކަމުގައި ޝަރީޢަތުން ގޮތެއް ނިންމަވާފައިވާކަމަށް ވިދާޅުވާތީ، އެ ނިންމެވުން ލިޔުމުން ދައުލަތާ ހިއްސާކޮށްދިނުމަށް އެދުނުނަމަވެސް އެ ނިންމެވުން ކޯޓުން ހިއްސާނުކުރި ކަމަށެވެ. އަދި އެ ނިންމެވުން ނިންމަވާފައިވަނީ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެންކަމަށް ޤާޟީ ޙަސަން ސަޢީދު ވިދާޅުވިކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައި ވަނީ، ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސްޤާޟީއަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށްއެދި ކޯޓަށް ހުށަހެޅިކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ ހުއްދައަށްއެދި ހުށަހެޅިކަމަށްބުނާ މެޑިކަލް ޑޮކިއުމެންޓްތައް ޙިއްޞާކޮށްދިނުމަށް އެދުމުން، މިހާތަނަށް އެ ލިޔުންތައްވެސް ހިއްސާކޮށްފައިނުވާކަމަށެވެ.

ކޮވިޑްގެ ޙާލަތާ ގުޅިގެން ޝަރީޢަތް ކުރުމާގުޅޭ ޚާއްސަ އިޖުރާޢަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ހިންގުން ހުއްދަކުރާ އެއްވެސް ޙާލަތަކަށް ޢަލީ ވަޙީދުގެ ޙާލަތު ނުފެތޭތީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މައްސަލަ އިސްތިޢުނާފް ކުރެވޭނީ މިހާރު ނިންމާފައިވާ ނިންމުންތައް ލިޔުމުން ލިބިގެން ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން