ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް
ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ގައުމީ ޔުނިވާސިޓީގައި އަދާކުރަމުން ގެންދިޔަ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އިން މިއަދު ވަކިކޮށްފި އެވެ.

އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް) އަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުޙައްމަދު އިޔާޒު ހިތްވަރު ދެއްވިކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި، އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ގެންދިޔައީ ބަލަމުންނެވެ.

ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވާއިރު، މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ޑރ. އިޔާޒް އާއްމުކުރައްވާ ތަފާތު ލިޔުންތަކުން ޤައުމީ ޔުނިވަރސިޓީގެ ތަޞައްވުރު ކިލަނބުވާ ކަމަށްބުނެ އޭނާގެ މައްސަލަ އެ ޔުނިވަރސިޓީން ވަނީ ބަލައިފައެވެ. އެގޮތުން ލިޔުމުން ނަޞޭޙަތް ދިނުމަށްފަހު، އެމައްސަލައިގައި އެފަހަރު އޭނާ ވަނީ 14 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.

އެފަހަރު ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރުދިނުމަށް ފަހުއެވެ.

އިޔާޒްގެ މައްސަލަ ދަޢުލަތުގެ އިދާރާތަކުން ބަލަން ފެށުމުން އިޔާޒު ވިދާޅުވެފައިވަނީ އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ. އޭގެ އިތުރުން އަންހެން ކުދިން ހިތާނު ކުރުމަކީ އޭނާ އެއްވެސް އިރަކު ހިތްވަރުދޭ ކަމެއް ނޫން ކަމަށާއި، އަންހެންކުދިން ހިތާނު ކުރުމަށް މީހަކު ކައިރީގައި ވެސް ނުބުނާ ކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރުމާމެދު އޭނާ ޢާއްމު ކުރެއްވީ ޢިލްމީ ދިރާސާއެއް ކަމަށެވެ.

އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން ރާއްޖޭގެ އިލްމްވެރިންގެ މެދުގައި ބޮޑު ބަހުސެެއް ފެށި ޚިޔާލު ތަފާތުވުން ތަކެއް ވަނީ އުފެދިފައެވެ. ބައެއް އިލްމްވެރިން ގެންދަވަނީ އެކަމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ކަމަށް ވިދާޅުވެ ފަތުވާ ދެއްވަމުންނެވެ. އެހެން ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އަދި ރާއްޖޭގެ ގިނަ އިލްމްވެރިންވަނީ އެއީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވެފައެެވެ. އިސްލާމިކް މިނިސްޓްރީއިން މިހާރު ވަނީ އެކަމާ މެދު ރައުޔެއް ނެރެދިނުމަށް ފަތުވާ މަޖިލީހުގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން