ޢަލީ ވަޙީދު
ޢަލީ ވަޙީދު
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެދީފައި ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، ޢަލީ ވަޙީދުގެ މައްސަލައިގައި، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް މިއަދު ކުރިމިނަލް ކޯޓުން ނިންމަވައިފި ކަމަށެވެ. އަދި އެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފް ކުރަށްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.



ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިދިނުން އެދި 23 ޖޫން 2021 ގައި ފުލުހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މަޤްޞަދެއް އޮތް ކަމަށް ނުދެކޭތީ، އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ. ޕީޖީ ޝަމީމް ވިދާޅުވީ މި ނިންމުން ނިނމެވީ މިއަދު ހެނދުނު 10:00 ގައި ޤާޟީ ޙަސަން ސަޢިދު ކަމަށެވެ.

ޝަމީމް ވިދާޅުވީ، ޢަލީ ވަޙީދަކީ ފިލައިގެން އުޅޭ މީހެއް ކަމަށާއި، ރާއްޖޭގެ އެއްވެސް ކޯޓަކަށް އޭނާ ފެނިފައި ނުވާކަމަށް ލިޔެކިޔުންތަކުން ފެންނަ ކަމަށެވެ. އަދި ޢަލީ ވަޙީދުގެ މައްސަލަ ހިންގި ގޮތާމެދު ހިތްހަމަ ނުޖެހިގެން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ މިހާރު ހައިކޯޓަށް ބަލައިގެންފައިވާ ކަމަށް ޝަމީމް މިއަދު ވިދާޅުވިއެވެ.

ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދަށް ތުޙުމަތު ކުރެވޭ މައްސަލަތަކުގައި، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ކުރިއަށް ގެންދިއުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށާއި، އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ. އަދި މިމަސައްލައިގެ އެންމެ ފަހުގެ އަަޑުއެހުމުގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) އެވެ. ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު އޭނާ ވަނީ ފުރައިގެން ތުރުކީ ވިލާތަށް ގޮސްފައެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހިންގެވިކަމުގެ ތުހުމަތާއެކު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. އަލީ ވަހީދު މަޤާމުން ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން