ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޓެރަރިޒަމާއި ހަރުކަށިފިކުރު ފެތުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިންމީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ، ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ފަހުމީ އަލީ، ޔާސީމް އަދި އިސްހާގް ދޫކޮށްލުމަށް އަމުރުކުރާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އެމީހުން ދޫކޮށްލުމަށް އަމުރު ނެރުއްވާފައިވަނީ، އެމީހުން 40 ދުވަސް ވަންދެން ބަންދުކޮށްފައި ތިބިނަމަވެސް އެމީހުންނާ ދެކޮޅަށް އިތުރު ހެއްކެތް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީއެވެ.

އެމީހުން ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި ތިން މީހަކު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި އެއްވެސް މީހަކު ކޯޓުން ދޫކޮށްލާފައިނުވާ ކަމަށެވެ.

ނަމަވެސް ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ތިން މީހަކު މިއަދު ކޯޓަށް ހާޒިރު ކުރުމުން ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ ހަރުކަށިފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ގިނަ ބަޔަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން މީގެ ކުރިންވެސް ދަށުކޯޓުން ވަނީ ދޫކޮށްލާފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި 8 މީހަކު މިހާތަނަށް ތަހުގީގަށް ހައްޔަރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުއާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އާއި، ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އަދި ނ.މަނަދޫ ނޫރާނީގެ އަލީ ހައިޝަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން