ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ޕާޓީން ދެޖަލްސާ ބާއްވާލުމުން ހުރިހާ އަނިޔާއެއް މިލިބެނީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކުރުމާއި ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުން ރައީސް ޔާމީނަށް ޙުކުމް ކޮށްފައިވަނީ ސިޔާސީ ނުފޫޒުން ކަން ކަށަވަރުވާ ކަމަށެވެ. އަދި ޕާޓީން ދެ ޖަލްސާ އެއް ބޭއްވުމުން އަނެއްކާވެސް ރައީސް ޔާމީނަށް އިތުރު އަނިޔާތަކެއް ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމުން ދާދި ފަހުންވަނީ، "މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޤައުމީ ޙަރަކާތެއްވެސް ލޯންޗް ކޮށްފައެވެ. އަދި މިއީ ރައީސް ޢަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން ފެށި ކެމްޕޭނެއް ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ. އަދި މި މައްސަލާގައި އެންމެ ފަހުން މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިހާރުވެސް ރައީސް ޔާމީން ގެންދަވަނީ މަނީލޯންޑަރިންގެ މައްސަލައެއް ސާބިތުވެ 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ. ނަމަވެސް އެފައިސާ އަދި އެމަނިކުފާނު ދަޢުލަތަށް ދައްކަވާފައެއް ނުވެއެވެ. މިމައްސަލައިގެ އިސްތިއުނާފުގެ މައްސަލާގައި ހައިކޯޓުންވެސް ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން