މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު
މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އުފުލައިފައިވާ މައްސަލައިގައި ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު 10 ދުވަސް ދީފިއެވެ.

މި މައްސަލައިގައި ޑރ. މުއިއްޒަށް ދައުވާ ކުރަން ފޮނުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސް އޭޖީ، ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއެއްގެ ގޮތުގައި ހެކި ދެއްވާފައި ވަނީ ޑރ. މުއިއްޒު ކަމަށެވެ.

މި މައްސަލައިގައި މިއަދު ހެނދުނު 10:30 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޑރ. މުއިއްޒަށް ހުރިހާ ލިޔުންތަކެއް ހަމައަށް ލިބިވަޑައިގެންފައިވޭތޯ ގާޒީ ސަފްއަތު ހަބީބު ސުވާލު ކުރެއްވުމުން މުޢިއްޒު ވިދާޅުވީ، އެކަމަށް ޖަވާބެއް ދެއްވޭނީ ވަކީލެއް އައްޔަން ކުރުމަށް ފަހު ކަމަށެވެ. އަދި ވަކީލަކު ހަމަޖައްސަން ގާނޫނުން ތަންދޭ އެންމެ ދިގު މުއްދަތެއް ދިނުމަށް ވެސް އެދިވަޑައިގަތެވެ. ގާޒީ ވަނީ ވަކީލަކު ޢައްޔަނު ކުރުމަށް ޑރ. މުޢިއްޒަށް 10 ދުވަހުގެ މުހުލަތެއް ދީފައެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

ނޫމަޑީގެ މައްސަލާގައި މުއިއްޒު ވަނީ ފުލުހަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނޫމަޑީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި ނަމަވެސް ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދީ މައްސަލަ ހައްލުކޮށްފައެވެ. މިމައްސަލަ ސަރުކާރުން ބަލަން ފެށީ ސަރުކާރުން މިފަދަ ބަދަލުތަކުގެ ނަމުގައި އެކި ކުންފުނިތަކަށް ފައިސާ ދޭ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަން ފެށުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން