ޢަދާލަތު ޕާޓީގެ ލީޑަރޝިޕް
ޢަދާލަތު ޕާޓީގެ ލީޑަރޝިޕް
ސިޔާސީ މަޤުޞަދުތަކެއް ޙާސިލުކުރުމަށް ފަނޑިޔާރުންގެ އަބުރަށް އަރައިގަނެގެން މާލިއްޔަތުން ކޮށްފައިވާ ވައްކަމުން ނުރެކެވޭނެ ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

ޢަދާލަތު ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ހަމައެއްލަމައެއް ނެތި، ހާމަކަން ބޮޑުގޮތެއްގައި، ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓާއި އެންމެހާ ޝަރުޢީ ކޯޓުތައް ހިމެނޭހެން ޝަރުޢީ ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި، ޤާނޫނު ހަދާ މަޖިލީހާއި، ސަލާމަތީ ޚިދުމަތްތަކުގެ ހައިބަތާއި ޤަދަރު ގެއްލުވާލާ، ތަކުރާރުކޮށް ޤާނޫނާ ޚިލާފު އަމަލުތައް ހިންގަމުން ގެންދިޔަ ވެރިކަމެއް އިންތިޚާބުގެ ޒަރީއާއިން ބަދަލުކޮށް، އަދުލުއިންސާފުގެ ދާއިރާ މިނިވަން ކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ކާމިޔާބުކަމާއެކު ފުދެމުން ދިއުމަކީ ޢަދާލަތު ޕާޓީން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމަށެވެ.

އަދި ސަރުކާރުގެ ނުފޫޒެއްނެތި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ، ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުޢީ ދާއިރާގެ އަގުވާއްޓާލާ، ޢަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށްވެސް ޢަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.

ހަމައެއާއެކު ސިޔާސީ ވާދަވެރިކަމުގައި ހިންގާ އެފަދަ ޢަމަލުތަކަކީ އިންސާފުވެރި މުޖުތަމައެއް ބިނާކޮށް ހެޔޮވެރިކަމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި، އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމުގައިވެސް އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

"އަދި ދަންނަވަމެވެ. ޝަރުޢީ ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްޓަކާ ފަނޑިޔާރުންގެ އަބުރަށް އަރައިގަނެ، ޙަޤީޤަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރާ، މުޖުތަމައުގެ ހަމަޖެހުން ނަގާލަން އުޅުމަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތުން ކޮށްފައިވާ ވައްކަން ފޮރުވާ މައްސަލަތަކުން ރެކިގަންނަން އޮތް ގޮތެއް ނޫނެވެ." ޢަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.

ބަޔާން ނިންމާލަމުން ޢަދާލަތު ޕާޓީން ވަނީ، އަދުލުއިންސާފަށް ހުރަސްއަޅާ، އަމިއްލަ ޒާތީ މަންފާއަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ޤަދަރު ކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު