މަޤާމުން އެކަހެރި ކޮށްފައިވާ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
މަޤާމުން އެކަހެރި ކޮށްފައިވާ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި މިހާރު މަޤާމުން އެކަހެރި ކޮށްފައިވާ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހުލޫފަށް ވާދަނުކުރެވޭ މައްސަލަ އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީން ބަލަން ފަށައިފިއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގައި މަޙްލޫފްވަނީ އެމްޑީޕީގެ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ) ގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވާ އެކަމަށް އެދި ފޯމް ހުށަހަޅުއްވާފައެވެ. ނަމަވެސް ކެންޑިޑޭޓުންގެ ދާއިމީ ލިސްޓުގައި މަޙްލޫފްގެ ނަން ހިމަނާފައެއް ނުވެއެވެ.

މަޙްލޫފްގެ ނަން ދާއިމީ ލިސްޓުގައި ހިމަނާފައިނުވަނީ، ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވޭ މީހުންނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާތީއެވެ.

މަޙްލޫފް ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށްވެސް ހުށައަޅުއރްވާފައެވެ. އެކަމާގުޅިގެން އީސީން ނިންމާފައިވަނީ އެމްޑީޕީގެ މަޤާމުތަކަށް ކުރިމަތިލެވޭނެ ޝަރުތުތައް އެޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެނޫން އިތުރު ޝަރުތެއް ކުރެވޭނީ އެޕާޓީގެ އެތެރޭގެ ގުނަވަނަކުން ފާސްކޮށްގެން ކަމަށެވެ.

މަޙްލޫފްގެ މައްސަލަ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ބަލަން ފަށާފައިވާއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން 33000 އެމެރިކާ ޑޮލަރު މަޙްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްބުނެ މަހްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އެމައްސަލާގައި ޕީޖީ އޮފީހުން ވަކި ގޮތެއް ނިންމަންދެން މަޙްލޫފް ހުންނެވީ ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު