މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ލީޑަރޝިޕް
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ލީޑަރޝިޕް
2018 ވަނަ އަހަރު ކޯލިޝަން ސަރުކާރެއް ޤާއިމްކުރީ ޖޮއިންޓް މެނިފެސްޓޯއެއް ތަންފީޒު ކުރުމަށް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމުން މިއަދު ބުނެފިއެވެ.

ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް 2018 ވަނަ އަހަރު އެމްއާރުއެމުން އެއްބަސްވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަން އޮޅުންފިލުވައިދިނުމުގެ ގޮތުން އެމްއާރުއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުގެ މެނިފެސްޓޯއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ގުޅިފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ހިޔާލާއި މަޝްވަރާއަށް ފަހު، ހުރިހާ ފަރާތްތަކަށް އެއްބަސް ވެވުނު ގޮތަށް އެކުލަވާލާ އިއުލާން ކުރެވުނު މެނިފެސްޓޯއެއް ކަމަށެވެ.

އަދި "2018 ގައި ރައްޔިތުން ވޯޓުން ކޯލިޝަން ސަރުކާރެއް އިންތިޚާބުކުރީ އެ ޖޮއިންޓް މެނިފެސްޓޯ ތަންފީޒު ކުރުމަށް" ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.



އެމްއާރުއެމުން ބުނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލިއިރު، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށާއި ރިޔާސީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަށް އެމް.ޑީ.ޕީން ހުށަހަޅައިގެން އެކަމާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އެކަންކަމަށް އެމް އާރް އެމް ވާނީ ކަނޑައެޅިގެން ދެކޮޅުހަދާފައި ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލާ ނިމުނުއިރު އެކަންކަން ހިމަނާފައި ނުވާނެ ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމް އާރް އެމުން އޭރުވެސް އަދި މިހާރުވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް ކަމަށާއި، ރާއްޖޭގައި އޮންނަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމުކަމަށް 2007 ގައި ދިވެހި ރައްޔިތުންވެސް ނިންމާފައިވާކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ. އެހެންކަމުން، ދައުލަތް ހިންގުމުގެ ތިންބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމު ފިޔަވައި އެހެން ނިޒާމަކަށް އެމް އާރް އެމް ތާއީދު ނުކުރާ ކަމަށާއި، އެނޫން ގޮތަކަށް އެއްވެސް ފަރާތަކާއެކު އެއްބަސް ވެފައިވެސް ނުވާނެކަންވެސް އެޕާޓީން ވަނީ ޔަޤީންކޮށްދީފައެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޖުމްހޫރީ ޕާޓީ ފިޔަވައި، ކޯލިޝަނުގައި ދެން ހިމެނުނު ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ އެ ވާހަކަތައް ކޯލިޝަން ޕާޓީތަކުން ވަނީ ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު