ރައީސް ނަޝީދު (ކ) އާއި އޮނަރަބަލް ޤާސިމް އިބްރާހިމް
ރައީސް ނަޝީދު (ކ) އާއި އޮނަރަބަލް ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމަކީ ބޮޑުވަޒީރުކަމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ނަޝީދު މިބީދައިން ވިދާޅުވީ، މި ރާއްޖެއަށް އޮނަރަބަލް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ، އަދުލުވެރިކަންމަތީގައި ރައްޔިތުންނަށް އެ މަނިކުފާނުގެ ބޮޑުވަޒީރުކަމުގައި އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވިދާޅުވުމާ ގުޅިގެންނެވެ.

ޙަލީމްގެ މެސެޖަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އޮނަރަބަލް ޤާސިމް އިބްރާހީމަކީ ބޮޑުވަޒީރުކަމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާއި، އަދި މެންބަރު ހަލީމަކީ އަބަދުވެސް ދުރަށް ވިސްނަވާ ބޭފުޅެއްކަމަށެވެ. އޭގެ އިތުރުން މަޖިލީހުގެ 87 މެންބަރުން ހެކިކޮށް ހެޔޮ ނިޔަތުގައި ޤާސިމަށް ވަރަށް ރަނގަޅު ހުށައެޅުމެއް ހުށައަޅުއްވަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޤާސިމް ވިދާޅުވީ، އެމަނިކުފާނަށް ޕިއޯނުކަން ދޭން ވެސް އެމްޑީޕީން އެއްބަސްނުވާނެ ކަމަށެވެ. އަދި އެވަރު ދިނަސް ވަރަށް ރަނގަޅު ބަޔަކަށް ވާނެ ކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.

އެކަމާގުޅިގެން ރައީސް ނަޝީދު ވަނީ މިހާތަނަށްވެސް ޤާސިމް ވިދާޅުވި ގޮތްތައް އެމްޑީޕީން ހަދާފައިވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލް ދެއްވާފައެއް ނުވެއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ގާސިމް ކުރެއްވި މަސައްކަތް އެންމެ ގާތުން ފެނިވަޑައިގެންނެވީ އެމަނިކުފާނަށް ކަމަށެވެ.

ބޮޑުވަޒީރުކަމަށް ޤާސިމްގެ ރުހުން ހޯއްދެވުމަށް މެންބަރު ހަލީމް ކުރެއްވި އިތުރުމެސެޖެއްގައި ވިދާޅުވީ، ރާއްޖެ ބަދަލުކޮށް ޕާޓީ ނިޒާމް ގެނައުމަށް ގާސިމްގެ ހިއްސާ ބޮޑު ކަމަށާއި، މިއަދުވެސް ގާސިމަށް ސިޔާސީ ގޮތުން ހައްގު މިންވަރު ލިބެންޖެހޭ ކަމަށެވެ. އަދި އެ މިންވަރަކީ ބޮޑު ވަޒީރުކަން ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދާއި، މެންބަރު ޙަލީމްގެ މިވާހަކަތަކަށް އެ ގްރޫޕްގައި އިންނެވި އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ތާޢީދު ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ. ބޮންޑޭ އަކީ ބަރުލަމާނީ ޕެޓިޝަނުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާ ނިޒާމަށް ބަދަލުކޮށް ބޮަޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ރައީސް ނަޝީދު މީގެކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅުއްވާފައެވެ. އަދި ރައީސް ނަޝީދު ވަނީ ނިޒާމު ބަދަލު ކުރުމަށް ޕާޓީއާއި ރައްޔިތުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ވެސް ފަށްޓަވާފައެވެ. ނިޒާމު ބަދަލު ކުރުމުގެ މައްސަލައިގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ވަނީ ދެބަސްވުން ތަކެއް ވެސް އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު