ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ފިޔަވަޅުތައް އަވަސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

މެންބަރު ޝިޔާމް މިމޭރުމުން ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިވެ ވަޑައިގެންފައިވާތީ، ރައީސް ޢަބްދުﷲ ޔާމީނަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޝިޔާމް ވިދާޅުވީ، ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވާ އެއްޗެއް ސާފުނުވާކަމަށާއި، ފުރަތަމަ ރައީސް ޞާލިޙް ކުރަށްވަންވީ ކަމަކީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ފިޔަވަޅުތައް އަވަސްކުރެއްވުން ކަމަށެވެ. އަދި މިވެރިކަމަށް ގިނަވެގެން އޮތީ ދެއަހަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަކީ "ގަޓު" ހުރި ބޭފުޅެއްކަމަށެވެ.

"ޤައުމު އެދި ގޮވަނީ މި ރައީސް އަށް. މީ ފިސާރި ގަޓު ހުރި ރައީސެއް." މިއަދުގެ މުޒާހަރާގެ ބައިވެރިންނަށް ރައީސް ޔާމީން ހިތްވަރު ދެއްވާފައިވާތީ ޝިޔާމް ވިދާޅުވިއެވެ.



"އިންސާފު ހޯދަން"ގެ ޝިޢާރުގެ ދަށުން އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދާ އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި ހ. ދޫވެހީގެ ކުޑަދޮރަކުން ބޭރަށް ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރުވާލައްވަމުންނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުރިމަތީގައި އިޙްތިޖާޖު ކުރަށްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރުންނަށް ހިތްވަރު ދެއްވުމުގެ އިޝާރާތް ކުރަށްވާފައެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު