މިއަދުގެ މުޒާހަރާގައި ޣައްސާން (މ)
މިއަދުގެ މުޒާހަރާގައި ޣައްސާން (މ)
ރައީސް ޔާމީނާމެދު ޢަމަލު ކުރަނީ ސިޔާސީގޮތުން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މިމޭރުމުން ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިވެ ވަޑައިގެންފައިވާތީ، ރައީސް ޢަބްދުﷲ ޔާމީނަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޣައްސާން ވިދާޅުވީ، ރައީސް ޔާމީނާމެދު ޢަމަލު ކުރަނީ ސިޔާސީ ގޮތުންކަން އެމަނިކުފާނަށް ނުޙައްޤު ޙުކުމްކުރި ދުވަހުވެސް ދިވެހި ރައްޔިތުންނަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނާ ދޭތެރޭ ގެންގުޅޭ ތަފާތުކުރުން ތަކުގެ ސަބަބުން ބޭރު ދުނިޔެއަށްވެސް އެކަން ސާބިތުވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"ރައީސް ޔާމީން، ޕީޕީއެމް އަދި ޤައުމުދެކެ ލޯބިވާ ދިވެހި ދަރިންގެ ޢަޒުމް ގުޑުވައެއް ނުލެވޭނެ." ޣައްސާން ވިދާޅުވެފައިވެއެވެ.



"އިންސާފު ހޯދަން"ގެ ޝިޢާރުގެ ދަށުން އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދާ އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި ހ. ދޫވެހީގެ ކުޑަދޮރަކުން ބޭރަށް ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރުވާލައްވަމުންނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުރިމަތީގައި އިޙްތިޖާޖު ކުރަށްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރުންނަށް ހިތްވަރު ދެއްވުމުގެ އިޝާރާތް ކުރަށްވާފައެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު