އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާގައި އަދުރޭ
އިދިކޮޅުން މިއަދު ބޭއްވި މުޒާހަރާގައި އަދުރޭ
ރައްޔިތުން އިންޞާފު ހޯދަން ނިކުތުމުން އެކަން ހަޖަމުނުވެގެން އަމާޒު ފަތްގަނޑަކަށް ރައީސް ޔާމީން ނުހެއްދެވުމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން އެ މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިރޭ ވަނީ ވިދާޅުވެފައެވެ.

"އިންސާފު ހޯދަން"ގެ ޝިޢާރުގެ ދަށުން އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދާ އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި ހ. ދޫވެހީގެ ކުޑަދޮރަކުން ބޭރަށް ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރުވާލައްވަމުންނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުރިމަތީގައި އިޙްތިޖާޖު ކުރަށްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރުންނަށް ހިތްވަރު ދެއްވުމުގެ އިޝާރާތް ކުރަށްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ގާނޫނާ ގަވާޢިދާ ޚިލާފުކަމެއް ނުކުރައްވާ ކަމަށާއި، ގޭ ބަންދުގެ އިގްރާރާ ޚިލާފުކަމެއްވެސް ނުކުރައްވާ ކަމަށެވެ. އަދި އިންޞާފު ހޯދަން ރައްޔިތުން ނުކުތުމުން ސަރުކާރަށް އެކަން ހަޖަމުނުވެގެން އެކަމުގެ އަމާޒު ފަތްގަނޑަކަށް ރައީސް ޔާމީން ނުހެއްދެވުމަށް އަދުރޭ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.



ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައި ނަމަވެސް އެމަނިކުފާނު ގެންދަވަނީ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުންނެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ. މާފުށީ ޖަލުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، އެމަނިކުފާނަކީ ހައިރިސްކް ބޭފުޅަކަށް ވާތީ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު