ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
އިދިކޮޅުން ޤައުމަށް ޣައްދާރު ނުވުމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

މެންބަރު ނިހާދު މިގޮތަށް ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި އިޙްތިޖާޖަށް ނިސްބަތްކޮށް ކުރެއްވި ޓްވީޓެއްގައެވެ. މެންބަރު ނިހާދު ވިދާޅުވީ، މިއަދުގެ ޙަރަކާތަކީ ރާއްޖޭގައި ކޯވިޑް ފެތުރުން ސަރުކާރުން ކޮންޓްރޯލް ކޮށްފައިވާތީ އެކަން ޙަޖަމް ނުވެގެން އިދިކޮޅުން ކުރިއަށް ގެންދިޔަ ޙަރަކާތެއް ކަމަށެވެ. އަދި ޤައުމަށް ޣައްދާރުނުވުމަށް ނިހާދު ވަނީ އިދިކޮޅަށް ގޮވާލައްވާފައެވެ.

"ހެޔޮ ނުވާނެ. ޤައުމާ ރައްޔިތުންނަށް ޣައްދާރުނުވޭ." މެންބަރު ނިހާދު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ނިހާދު ވަނީ މިއަދު ރައީސް ޔާމީން އިދިކޮޅު އެއްވުމުގައި ބައިވެރިވިވެފައިވަނީ ޕީޕީއެމްގެ އެތެރޭގެ ރޭވުމަކުން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ގޭގައި ހުންނެވުމަށް ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ނޭދޭ ކަމަށާއި، އެމަނިކުފާނު އަނބުރާ ޖަލަށް ފޮނުވާލުމަށް ބޭނުންވާ ބަޔަކު އެޕާޓީގައި ތިބި ކަމަށް ނިހާދު ވިދާޅުވިއެވެ.

"އިންސާފު ހޯދަން"ގެ ޝިޢާރުގެ ދަށުން އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދާ އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި ހ. ދޫވެހީގެ ކުޑަދޮރަކުން ބޭރަށް ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރުވާލައްވަމުންނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުރިމަތީގައި އިޙްތިޖާޖު ކުރަށްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރުންނަށް ހިތްވަރު ދެއްވުމުގެ އިޝާރާތް ކުރަށްވާފައެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު