ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން
ކަރެކްޝަންސްގެ ވެރިން ސިޔާސީ ނުފޫޒުގައި ޖެހިގެން ހަގީގަތް އޮޅޭގޮތަށް ދައްކާ ވާހަކަތައް ރައީސް ޔާމީންގެ ދިފާޢީ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ކުށްވެރި ކުރަށްވައިފިއެވެ.

"އިންސާފު ހޯދަން"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށްގެންދިޔަ އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި ހ. ދޫވެހީގެ ކުޑަދޮރަކުން ބޭރަށް ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރުވާލައްވައި އެހަރަކާތަށް ތަރުހީބު ދެއްވާފައެވެ. ރައީސް ޔާމީން އިއްޔެ ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުރިމަތީގައި އިޙްތިޖާޖު ކުރަށްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އިޝާރާތް ކުރަށްވާފައެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އިއްޔެ ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވިއެވެ.

ކޮމިޝަނަރ އަޙްމަދު މުޙައްމަދަށް ރައްދު ދެއްވަމުން ޑރ. ޖަމީލް މިއަދު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުން ދައްކަންވާނީ ޞައްޙަ ވާހަކަ ކަމަށާއި، ރައީސް ޔާމީން ގޭބަންދުގައި ބެހެއްޓި ޝަރުޠުތަކަށް ފުރިހަމައަށް ތަބާވަމުން ގެންދަވާ ކަމަށެވެ.

އަދި "ކަރެކްޝަންސްގެ ވެރިން ސިޔާސީ ނުފޫޒުގައި ޖެހިގެން ހަގީގަތް އޮޅޭގޮތަށް ދައްކާ ވާހަކަތައް ކުއްވެރި ކުރާ" ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.



އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅޭ މައްސަލައެއްގައި މަނީ ލޯންޑްރިންގެ ކުށް ސާބޮތުވެ ރައީސް ޔާމީނަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް ހުސްވި ރޯދަމަހުން ފެށިގެން އެމަނިކުފާން ހުކުމް ތަންފީޒު ކުރަށްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.

ރައީސް ޔާމީންގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ޝާމިލުވާކަމަށް ސާބިތުވެ ހުކުމް ކޮށްފައިވާ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އެކުންފުނީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތުވެސް ހުކުމް ތަންފީޒު ކުރަށްވަމުން ގެންދަވަނީ ގޭގައި ތިއްބަވައިގެންނެވެ.

މީގެ ކުރިން، މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ހުކުމް ތަންފީޒް ކުރުމަށް ގޭބަންދުގައި ހުންނެވިއިރު ވަނީ ގޭގެ ބެލްކަނީގައި ހުންނަވައިގެން ޢީދު ފެން ކުޅުއްވާފައެވެ. އަދި ގޭބަންދުގައި ހުންނަވައިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އޭގެ އިތުރުން ގޭބަންދުގައި ހުންނަވައިގެން ރައީސް މުޙައްމަދު ނަޝީދު ބީބީސީ އަށް އިންޓަވިއުވެސް ދެއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު