އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު
އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެއްވެސް ދިވެހި ރައްޔިތަކަށް އަނިޔާކޮށްފައިނުވާނެ ކަމަށާއި، އަނިޔާއެއް ކުރިތަން ނުވެސް ދެއްކޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި އެއްވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދު ވަނީ، މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނަށް ދަޢުވަތު ދެއްވީ ރައީސް ޞާލިޙް ކަމަށް ވިދާޅުވެ، މި ސަރުކާރުން އެމަނިކުފާނަށް ވަރަށް އަނިޔާކޮށްފި ކަމަށާއި، އިޙްސާސް ކުރެވެނީ ކަރުގައި ޚަންޖަރެއް ޖެއްސުމުން ކުރެވޭ ފަދަ އިޙްސާސެއް ކަމަށް ވިދާޅުވެފައެވެ.

އެކަމާގުޅިގެން ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މެންބަރު ޝިފާއު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ވެރިންގެ ތެރެއިން ރައީސް ޞާލިޙަކީ އެންމެ މަޑުމައިތިރިކަމާއި، ހިކުމަތްތެރިކަމާއެކު އެއްވެސް ރައްޔިތަކަށް އަނިޔާނުކޮށް، ގެއްލުމެއް ނުދީ ވެރިކަންކުރައްވާ ރައީސް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އެކަން ބަލައިގަންނަކަމަށް މެންބަރު ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ ކުރީގެ ނައިބުރައީސް ޖިހާދު އިއްޔެ ދެއްކެވި ވާހަކަފުޅުގެ މަޤުސަދަކީ ރައީސް ޔާމީންގެ ސަޕޯޓަރުން ހިތްހަމަ ޖެއްސުން ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދިވެހި ރައްޔިތަކަށް ކުރި އަނިޔާއެއް މިހާތަނަކަށް ފެންނާކަށް ނެތް. އަދި ނެތް އެއްޗެއް ނުވެސް ދެއްކޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެ ބޭފުޅުން އެ ވާހަކަ އެ ދައްކަނީ ސިޔާސީ ގޮތުން އެ ބޭފުޅުންގެ ސަޕޯޓަރުން ކޮންމެވެސް ވަރަކަށް ހިތްހަަމަ ޖައްސާލުމުގެ ބޭނުމުގައި." މެންބަރު ޝިފާއު ވިދާޅުވެފައިވެއެވެ.

އިއްޔެގެ އިޙްތިޖާޖުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ، މި ސަރުކާރުން ވަރަށް ބޮޑަށް އަނިޔާލިބިއްޖެ ކަމަށާއި، އެހެންކަމުން ދެން އެމަނިކުފާނު ހުންނަވާނީ މަގުމަތީގައި ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ. އޭގެ އިތުރުން މަގުމަތިން އިންސާފު ހޯދަން ނުކުންނަންޖެހޭ ހާލަތަށް މިހާރު ގޮސްފައިވާކަމަށް ޖިހާދު ވިދާޅުވިއެވެ.

މި ވެރިކަމުގައި 10 ފަހަރު ކޯޓަށް ގެންގޮސް ތާކުންތާކު ނުޖެހޭ ކަމެއްގައި އެމަނިކުފާނުގެ ޝަޚްސު ކަތިލައިފި ކަމަށް ޖިހާދު ސިފަކުރެއްވިއެވެ. އަދި ދަރިންނާއި ބައްދަލުކުރުމުގެ ފުރުސަތާއި، ބޭސް ފަރުވާގެ ޙައްޤުވެސް ނިގުޅައިގެންފައިވާ ކަމަށް ޖިހާދު ތުހުމަތު ކުރެއްވިއެވެ.

ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީގެ މަގާމުގައި ހުންނެވި ޢަބްދުالله ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގައެވެ.

ޕީޖީން ބުނެފައިވާ ގޮތުން ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750،713،604 އެމެރިކާ ޑޮލަރު އުނިވެފައި ވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު