ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު
ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު
ފެންކުޅި ކުޅުމާއި ސިޔާސީ އެއްވުމެއްގައި ޕާޓީ ދިދަ ހޫރުވުމާ ވަރަށް ތަފާތު ކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން"ގެ ނަމުގައި އިއްޔެ ބޭއްވި އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އެމަނިކުފާނު ބަންދުގައި ހުންނެވި ހ. ދޫވެހީ ގެ ކުޑަދޮރަކުން ބޭރަށް ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރުވާލެއްވުމާ ގުޅިގެން އެމަނިކުފާނަށް ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަންސުން ބުނުމުން އިދިކޮޅު ޕީޕީއެމުން އެކަމަށް ރައްދު ދީފައިވާތީއެވެ.

އެގޮތުން އިދިކޮޅު ކޯލިޝަންގެ އިސް ފަރާތްތަކުން ވަނީ، މީގެ ކުރިން، މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ހުކުމް ތަންފީޒް ކުރުމަށް ގޭބަންދުގައި ހުންނެވިއިރު ގޭގެ ބެލްކަނީގައި ހުންނަވައިގެން ޢީދު ފެން ކުޅުއްވާފައި ވާ ކަމަށާއި، އަދި ގޭބަންދުގައި ހުންނަވައިގެން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ސިޔާސީ ޕާޓީއެއް އުފައްދަވާފައި ވާކަމަށް ބުނެފައެވެ. އޭގެ އިތުރުން ގޭބަންދުގައި ހުންނަވައިގެން ރައީސް މުޙައްމަދު ނަޝީދު ބީބީސީއަށް އިންޓަވިއުވެސް ދެއްވާފައިވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅު ޕާޓީތަކުގެ އިސްފަރާތްތަކަށް ރައްދު ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ޢީދު ފެންކުޅިކުޅުމާއި ސިޔާސީ އެއްވުމެއްގައި ޕާޓީގެ ދިދަ ހޫރުވުމަކީ ތަފާތު ކަމެއް ކަމަށެވެ. އެގޮތުން ދިދަ އަކީ އެކަމުން އިތުރު ޖޯޝެއް އުފައްދާ ކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ. އިމްރާނަށް ރައްދުވި ބަޔަށް ޒައިދު ޖަވާބުދެއްވި ނަމަވެސް އިދިކޮޅުން ދެން ކުރާ ތުހުމަތު ތަކަށް ރައްދެއް ދެއްވާފައެއް ނުވެއެވެ.

"އަޅުގަނޑު ނޭދެން އެއްވެސް ބޭފުޅަކަށް ފިޔަވަޅެއް އަޅާކަށް." ޒައިދު ވިދާޅުވެފައިވެއެވެ.



އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގައި ބައިވެރިވެ ވަޑައިގެންފައިވާތީ، ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެ ނިޔާއިއްވެވީ އެހާދިސާ ހިނގައިދިޔަތާ މާގިނައިރުތަކެއް ނުވެއެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައި ނަމަވެސް އެމަނިކުފާނު ގެންދަވަނީ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުންނެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ. މާފުށީ ޖަލުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، އެމަނިކުފާނަކީ ހައިރިސްކް ބޭފުޅަކަށް ވާތީ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ނާއިބްރައީސް އަހުމަދު އަދީބާއި ކުންފުނީގެ އޭރުގެ އެމްޑީ ޒިޔަތުވެސް ހުކުމް ތަންފީޒު ކުރަނީ ގޭގައި ތިއްބަވައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު