އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު
"ކަރިޝްމާ ޕާރޓީ މޯލްޑިވްސް" އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، "ކަރިޝްމާ ޕާރޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި މ. ކެލަން، މުޙައްމަދު އިސްމާޢީލް ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

އީސީން ބުނީ، އެޕާޓީ އުފެއްދުމުގެ ހުއްދަ ނުދިނުމަށް ނިންމީ، ޕާޓީ އުފެއްދުމަށްއެދި ހުށައެޅި ފޯމާއެކު އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުން ފުރިހަމަނުވާތީ އާއި އެ ފަރާތުން ހުށަހަޅާފައިވާ ނަމަކީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއްނޫންކަމަށް، 06 ޖަނަވަރީ 2019 ގައި އެ ކޮމިޝަނުން ނިންމާފައިވާތީ ކަމަށެވެ.

މިވަގުތުވެސް ރާއްޖޭގައި ދެ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށް ހަމަކުރަންޖެހޭ ޢަދަދަށް ސޮއި ހަމަކުރުމަށްފަހު، އީސީއަށް ވަނީ ހުށައަޅާފައެވެ.

އޭގެ އިތުރުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން، އޭކޭ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ގެންދަވަނީ މަސައްކަތް ކުރަށްވަމުންނެވެ.

ރާއްޖޭގައި މިހާރު 10 ސިޔާސީ ޕާޓީ ހިންގާއިރު އެންމެ ފަހުން ރަޖިސްޓަރީ ކުރީ ރައީސް މައުމޫންގެ އެމްއާރުއެމް އެވެ. އެ ޕާޓީ ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން