އަހުމަދު ޝާހް   30 ސެޕްޓެމްބަރު 2021 - 17:22
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އޮނަރަބަލް އަލްފާޟިލާ ޢާއިޝަތު ނަހުލާ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އޮނަރަބަލް އަލްފާޟިލާ ޢާއިޝަތު ނަހުލާ
ބޯޓުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކޮށްދޭނެ ބިލެއްގެ މަސައްކަތް ފަށައިފި ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ދުނިޔޭގެ ކަނޑުދަތުރު ފަތުރުގެ ދުވަހުގެ މުނާސަތުގައި ފޮނުއްވި ޚިތާބުގައި މިނިސްޓަރ ޢާއިޝަތު ނަހުލާ ވަނީ, ދުވަހުގެ ހެޔޮ އެދުމާއި ތަހްނިޔާ ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ސިނާއަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ރައްދު ކުރަށްވާފައެވެ.

މިނިސްޓަރ ވިދާޅުވީ, ދުނިޔޭގެ ވިޔަފާރީގެ 90 އިންސައްތަ މުދާ އެއްބައްރުން އަނެއް ބައްރަށް ގެންދިއުމަށް ބޭނުންކުރެވޭ އެންމެ އިތުބާރުކުރެވޭ، ޚަރަދުކުޑަ ވަޞީލަތަކީ ކަނޑުމަގުން މުދާ އުފުލުން ކަމަށެވެ. އޭގެ އިތުރުން މިއީ އިޤްތިސާދީ މަންފާ ޤައުމީ އަދި ފަރުދީ ފެންވަރުގައި ލިބި، ފުދުންތެރި އިޤްތިސާދެއް ބިނާކުރުމަށް އެހީތެރިވެދޭ ކަމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ބޭހާއި، ކާބޯތަކެތި އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ތަކެތި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމަށް ބޯޓު ދަތުރުކުރާ 2 މިލިއަނެއްހާ މީހުން ކުރި ބުރަ މަސައްކަތާއި ވީ ޤުރުބާނީ ފާހަގަކުރެވުނު ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

"މިއަދު ދަތުރުފަތުރުގެ ކަންކަމާ ހަވާލުވެހުރި ވަޒީރުގެ ހައިސިއްޔަތުން ބޯޓު ދަތުރުކުރާ ފަރާތްތަކާއި ޕޯޓުތަކުގެ ޚިދުމަތްތެރިން މިބަލިމަޑުކަމުގެ ތެރޭގައި ކުރި ދަތި އުދަގޫ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަމެވެ." މިނިސްޓަރގެ ޚީތާބުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ, މިސިނާޢަތް ކުރިއެރުވުމަށް އެންމެ ބޭނުންވަނީ މިކަމުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލް މީހުން އުފެއްދުން ކަމަށެވެ. އެހެންކަމުން މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި, ބޯޓުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކޮށްދޭނެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރާއި ސީފެއަރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސް.އާރު.އައި) އާއި ގުޅިގެންދަނީ ކުރެވެމުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު