މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު
މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު
ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު ކަނޑުދަތުރުފަތުގެ ސަލާމަތާގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

"އޯގްމެންޓިންގް މެރިން ސޭފްޓީ، ސެކިއުރިޓީ އަދި އެންވިރޮމެންޓް ޕްރޮޓެކްޝަން އިން ދަ ރީޖަން ތްރޫ ދަ ކޯޕަރޭޝަން އިން ދަ ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގް އޮފް ޝިޕްސް (އެލްއާރްއައިޓީ) ސިސްޓެމް" އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގް އޮފް ޝިޕްސް (އެލްއާރްއައިޓީ) ސިސްޓެމް އަކީ ހައިޖެކް ކުރެވިފައިވާ އުޅަނދުތައް ނުވަތަ ހައިޖެކް ކުރެވިފައިވާ ކަމަށް ޝައްކު ކުރެވޭ އުޅަނދުތަކުން ކޯސްޓަލް އޭރިޔާ ތަކަށް ހަމަލާދިނުން ހުއްޓުވާ ސިސްޓަމެކެވެ.

މި އެމްއޯޔޫގެ ދަށުން ރާއްޖޭއަށް އިންޑިއާގެ އެލްއާރްއައިޓީ ހިދުމަތްތައް، ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެލްއާރްއައިޓީ ކޮންފޯރމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެއެވެ. މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭ، އައިއެމްއޯ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާއި ނުލާ އަދާކުރެވޭނެއެވެ.

އައިއެމްއޯ އިން އެލްއާރްއައިޓީ ސިސްޓަމް ބައިނަލްއަގްވާމީ ފެންވަރުގައި ގާއިމްކުރީ 19 މޭ 2006 ގައެވެ. އަދި އައިއެމްއޯގައި ބައިވެރިވާ ހުރިހާ ގައުމްތަކަށް މި ބޭނުން ކުރުން ލާޒިމްކުރިއެވެ. މި ސިސްޓަމް އިން ބައިނަލްއަޤްވާމީ އައިޑެންޓިފިކޭޝަން އަދި އުޅަނދުތަކުގެ ސަލާމަތްތެރިކަން އިތުރުކޮށް މެރިޓައިމް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެމްއޯޔޫގައި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރުއެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.



ކިޔުންތެރިންގެ ހިޔާލު