ރާއްޖެ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ރައީސް ޞާލިޙް ޤައުމީ ސަލާމް ވިދާޅުވަނީ
ރާއްޖެ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ރައީސް ޞާލިޙް ޤައުމީ ސަލާމް ވިދާޅުވަނީ
ކޮންމެ ކަމެއް ފިތުނައަކަށް ހެދުމުގެ ނާތަޒީބުކަން ދިވެހިން ދޫކޮށްލަންޖެހޭ ކަމަށް ވިދާޅުވެ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް، ކުރީގެ ކެޕްޓަން އަލީ އިޙުސާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ގާޒީ ހަލީމް އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އިހުސާނަށް ފާޑުވިދާޅުވީ ޤައުމީ ސަލާމް ކިޔާއިރު ކަނާތުއަތް މޭމަތީގައި ބޭއްވުމަކީ ޤައުމީ ސަލާމަށް އިޙްތިރާމް ކުރުމަށް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި ކޮށްއުޅޭ ކަމެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ރައްދުކޮށް ފިތުނަ އުފެއްދުމުގެ ނިޔަތުގައި ކުރަށްވާފައިވާ ޓްވީޓަކަށް ފާޑުވިދާޅުވަމުންނެވެ.

އިހުސާން މިފަދަ ގޮތަކަށް ފިތުނައުފެދޭފަދަ މޭރުމަކުން ވާހަކަދެއްކެވި ރާއްޖޭގެ ޤައުމީ ޓީމް ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ރައީސް ޞާލިޙާއި ސަރުކާރުގެ ވެރިން ގައުމީ ސަލާމް ކިޔަމުން ދިޔައިރު އެގޮތަށް ޢަމަލު ކުރަށްވާފައި ނުވާތީ ކަމަށް ވިދާޅުވެއެވެ. އިޙުސާން ވިދާޅުވީ، ރާއްޖޭގައިވެސް ރަސްމީކޮށް އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކެޕްޓަން އިހުސާން ގަސްތުގައި ފިތުނަ އުފެދޭ މޭރުމަކުން މިވާހަކަ ދައްކަވާފައި ވީ ނަމަވެސް ގައުމީ ސަލާން ކިޔާއިރު ނޫނީ ކުޅޭއިރު މޭމަތީގައި އަތް އެޅުމަކީ ރާއްޖޭގައި އާންމުކޮށް ކުރާ ކަމެއް ނޫނެވެ. ރާއްޖޭގައި އާންމުކޮށް އެކަން ކުރަންފެށީ ބައިނަލްއަޤްވާމީ ފުޓްބޯޅަ ރާއްޖެއަށް ތަޢާރަފުވިފަހުން ފުޓްބޯޅަ ކުޅުންތެރިންނެވެ.

ކެޕްޓަން އިޙުސާނަށް ރައްދު ދެއްވަމުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވީ، ގައުމީ ސަލާމް ކިޔާާއިރު، އެކިގައުމުތަކާއި، އެކި މުއައްސަސާތަކުގައި އަމަލުކޮށް އުޅެނީ އެކިގޮތަށް ކަމަށެވެ. އެގޮތުން މަހަލްދީބުގައި ގައުމީ ސަލާމް ކިޔާއިރު ކޮޅަށްތެދުވެ ގައުމީ ސަލާމަށް ބޯލަބައި އިހުތިރާމު އަދާކުރުމަކީ އާދަކާދައާ ސަގާފަތާ ގުޅިފައިވާ އެންމެބޮޑު ހަގީގަތް ކަމަށް ޙަލީމް ވިދާޅުވިއެވެ.

"އެހެންކަމުން ގައުމީ ސަލާމް ކިޔާއިރު މޭމަތީ އަތްއެޅުމާ ނޭޅުމުގައި މައްސަލައެއް އޮތްކަމަކަށް ނުފެނޭ. ކޮންމެ ކަމަކީ ފިތުނައަކަށް ހެދުމުގެ ނާތަޒީބުކަން އަހުރަމެެން ދޫކޮށްލަމާ ބަހީ." ހަލީމް ވިދާޅުވެފައިވެއެވެ.



ރާއްޖޭގައި ޒަމާނުއްސުރެ ޤައުމީ ސަލާމަށް އިޙްތިރާމް އަދާކުރުމަށް ކޮޅަށް ތެދުވަމުން އައި ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ކަނާއަތް މޭމަތީގައި ބޭއްވުމަކީ ޤައުމީ އިޙްތިފާލްތަކުގައި ޢަމަލު ކުރާ އުސޫލަށް ހައްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު