އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު (ކ)
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު (ކ)
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ވަކި ކުރުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިއަދު ގޮވާލައްވައިފިއެވެ.

މޫސަ މިއަދު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބު ވުމުން އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕްގެ މަސައްކަތަކީ ޕާޓީ ހަލާކުކޮށްލުމުގެ މަސައްކަތް ކަމަށެވެ. އެހެން ކަމުން ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ނައިބު ރައީސް މުޙައްމަދު ޝިފާޒާއި، ޗެއަރޕާސަން ޙަސަން ލަތީފް ޕާޓީން ވަކި ކުރުމަށް މޫސަވަނީ ގޮވާލައްވާފައެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީ ނައްތާލުމަކީ ވަރަށް ދުރާލާ ރާވައިގެން ބަޔަކު ކުރާކަމެއް ކަމަށެވެ. އަދި އެކަމަށް ފުރުސަތު ނުދިނުމަށް ލީޑަރޝިޕްގައި ތިބި ފަރާތްތައް މަޤާމުތަކުން ވަކި ކުރުމަށް މޫސަ ވަނީ ޕާޓީގެ ޤައުމީ މަޖިލީހަށާއި، ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ.



ރައީސް ނަޝީދު ޕާޓީން ވަކި ކުރުމަށް މޫސަ ގޮވާލައްވާފައިވާއިރު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޖުމްލަ 455 މަޤާމަކަށް މީހުން މިހާރު ވަނީ އިންތިހާބު ކޮށްފައެވެ. އޭގެތެރޭގައި ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނޭއިރު، ދާއިރާ، ޕްރޮވިންސް، އަދި ސިޓީ ތަކުގެ ސެކްރެޓަރީންނާއި ނައިބުންގެ އިތުރުން މީޑިއާ ސެކެރެޓަރީންވެސް ހިމެނެއެވެ.

އެމްޑީޕީގެ މިފަހަރުގެ އިންތިޚާބު ކުރިއަށް ދިޔައީ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދުގައި އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކާއެކު ދެފެކްޝަނަށް ބެހި ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރޭގައެވެ. އަދި އިންތިޚާބަށް ފަހު އިންތިޚާބުގައި ކާމިޔާބު ލިބުނުކަމަށް ބުނެ ދެ ފެކްޝަނުން ވެސް ގެންދަނީ ވަކާލާތު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު