މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުން
މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދުގެ އަނބިކަނބަލުން ޢާއިޝަތު ސުއިޒާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލިއާގޭގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންމެ ފަރުދަކަށް ނުވަތަ ޤައުމަކަށް ލިބޭ ޝަރަފަކާއި ފަޚުރެއްގެ ފަހަތުގައި އެތައް ބައެއް އަދި ޚާއްޞަގޮތެއްގައި އެތައް އަންހެނެއްގެ ރޯލު ވާނެކަން ފާހަގަކުރައްވާފައެވެ. އަދި، ދިވެހި ޤައުމަށް ލިބުނު މި ޝަރަފާއި، ޢާންމު މަޖިލީހުގެ ރައީސްގެ ކާމިޔާބީގެ ފަހަތުގައިވާ އެއް ބޭފުޅަކީ އެމަނިކުފާނުގެ އަނބިކަނބަލުން ކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި އަންހެން ދަރިޔެއްގެ ޙައިޞިއްޔަތުން އެކަމާ އެކަމަނާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންނަށް މަރުޙަބާ ދަންނަވާފައެވެ.

ފަޒްނާ އަޙްމަދު ވިދާޅުވީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ކާމިޔާބީ ފާހަގަކުރަމުންދާ މި ދަނޑިވަޅަކީ ސުއިޒާ ފަދަ ޚިދުމަތްތެރި އަންހެން ބޭފުޅުންގެ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހޭ ދަނޑިވަޅެއް ކަމަށެވެ.

އަދި، ޤައުމު ބިނާ ކުރުމުގައި އަންހެނުންގެ ދައުރު އޮންނަނީ ހަމައެކަނި އޮފީސް މާޙައުލުގައި ނޫންކަމަށާއި، ދިރިއުޅުމުގެ ވަކި ހިސާބަކުން ދެމަފިރިންކުރެ އެކަކު ގޭގައި ތިބެން އިޚްތިޔާރުކުރާއިރު ގިނަ ފަހަރު އެކަން ކުރަނީ އަންހެނުންކަމުގައި ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެގޮތުން، އަންހެނުން ޤައުމު ބިނާކުރުމުގައި ދޭ އެއްބާރުލުން ގުނާ ޢަދަދު ނުކުރެވޭނެ ކަމަށާއި، ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންނަކީ ފާހަގަކޮށްލެވޭ ނަމޫނާ ބޭފުޅެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް ގެ އުންމީދީ ރިޔާސަތަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާކަމަށާއި، ޚާއްޞަކޮށް މުޅި ދުނިޔެ ކޮވިޑްގެ މި ޙާލަތުން އަރައިގަތުމުގައާއި، އަންހެނުންނަށް ދިމާވާ ތަފާތު ކަންކަމަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ އަނބިކަނބަލުންވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެކަމަނާއާ ބައްދަލުކޮށްލެއްވުމަށް ދަޢުވަތު ދެއްވީތީ އުފާކުރައްވާކަމުގައި ވިދާޅުވެ ޝުކުރުއަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


6

ދެޓްސްއިޓް

16-Oct-2021

މެޑަމް ފަޒްނާގެ އަރިހަށް މެޑަމް ސުއިޒާ އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވަނީއޭ ތަމެން ތިޔާ އަނބުރަނީ އެއީ ކޮން ގޭސް ގަނޑެއްތޭ އަލިފުދާލުގެ އާންމު މަޖްލީހުގެ ރައީސް ކަމަށް ޖީވަނޭ ހޮވީ އެއީ އިންޑިއާ އަށް ރިޝްވަތު ފައިސާ ދީގެން ވަގު ވޯޓް ލައިގެން ކަން އެއީ މަމެންނަށް އޮޅޭ އެއްޗެއް ނޫނޭ ދެން ޖީވަނޭ ވާނީ ޖީވަނޭ އަށް ނޫންތޭ ދެން އޭނާ އެއީ އދ. ގެ އާންމު މަޖްލީހުގެ ރައީސް ކަމުގެ މަގާމައި ފޮރިންގް މިނިސްޓަރު ކަން ކުރަނީ އެއީ ގާނޫނު އަސާސީ އާއި ޚިލާފަށޭ ފަސްޓްލޭޑީ އަށް ވާނުވާ އިނގޭތޭ ނޭނގޭ ދޯ ގާނޫނު އަސާސީ އެއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާނަމެއްތޭ އެހެންތޭ އައި ގޮޓް ދިސް ކޮރަޕްޓް ގަވަރމެންޓް ވިއު އޮން ސްޓޭޓް ފަންޑް ލޫޓިންގް އައި ގޮޓް ދަ ސްޓޭޓް ފަންޑް ލޫޓިންގް އީކްއޭޝަން އޯއް ޔޭއް އައި ގޮޓް އިޓް އައި ގޮޓް އިޓް އައި ގޮޓް އިޓް އޯއް ޔޭއް ދެޓްސް އިޓް..