ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
މި ދައުރު ނިމޭއިރު ވެސް މިނިމަމް ވޭޖް ދިރާސާކޮށް ނުނިމޭނެ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދާއި ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން އިކޮނަމިކް މިނިސްޓަރަށް ދިން ލަފާ މިނިސްޓްރީން މިހާރު ދިރާސާ ކުރަމުން ގެންދާ ކަމަށާއި އަދި ދިރާސާ ކުރުމަށްފަހު އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އާންމު ކުރާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.

އެކަމާ ގުޅީގެން ޝުޖާއު ވިދާޅުވީ, ދައުރު ނިމޭއިރުވެސް މިނިމަމް ވޭޖް އޮންނާނީ ދިރާސާ ކުރުމުގެ މަރުޙަލާގައި ކަމަށާއި, މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރިސޯޓް މުވައްޒަފުންނަށް "ނައިޓަށް ރަށަށް" ކިޔާ ހުވަފެނެއްވެސް ދެއްކި ކަމަށެވެ.

"ނައިޓަށް ދިޔަގޮތައް ގިނަ ކުދިން ދާއިމަށް ތިބެންޖެހުނީ ރަށުގަ. ތިމާމެންނާ އެކަށޭނެ ކަންކަން ކުރަން އުޅުނިއްޔާ މާތާހިރުވާނެ." ޝުޖާއު ވިދާޅުވެފައިވެއެވެ.

އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން މިނިސްޓަރަށް ފޮނުވާފައިވާ ލަފާގައި ބަޔާން ކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރގައި، ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއަކު 24.04 ރުފިޔާގެ ނިސްބަތުން މަހެއްގެ މައްޗަށް 4.333 ހަފްތާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5،000 ރުފިޔާ ދިނުމަށް ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެފައި ވެއެވެެ.

އަދި ޕަބްލިކް ސެކްޓަރުގައި، 6 ގަޑިއިރު މަސައްކަތް ކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7،000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތް ކުރާ ފަރާތްތަކަށް ގަޑިއަކު 33.65 ރުފިޔާ ދިނުމަށް ވަޒީރުގެ ލަފައަށް އެދިފައިވާ ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ އަދަދާއި ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށްފަހު ފަހުގެ މުއްދަތެއްގައި ވަޒީރަށް ލަފައެއް ދީފައިވާ ކަމަށާއި، ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގާނޫނުގެ 62 ވަނަ މާއްދާގެ (ކ) ގައި ބަޔާން ކުރާ މުއްދަތު 5 އަހަރު ދުވަހަށް އިތުރު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިމަމް ވޭޖު ބޯޑުން އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލަށް އަރުވާފައިވާ ލަފާ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އިކޮނަމިކް މިނިސްޓްރީން ދިރާސާ ކުރަމުންދާ ކަމަށާއި ދިރާސާއަށް ފަހު ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭ މިންވަރު ކަނޑައަޅައި އާއްމު ކުރާނެ ކަމަށްވެސް އިކޮންމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު