ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު
ތަންފީޒު ނުކުރެވޭ ޤަވާއިދުތަކުގެ ބޭނުމެއްނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ފަހަކަށްއައިސް ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތައް އިތުރުވަމުން ދިއުމާގުޅިގެން ކަނޑު ދަތުރު ކުރާ އުޅަނދުފަހަރުތަކުން އަމަލު ކުރަން ކަނޑައަޅާފައިވާ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހަރުކަށިކޮށްފައެވެ. އެކަމާ ގުޅިގެން މޫސަ ވިދާޅުވީ ދަތުރު ފަތުރުގެ ޤަވާއިދު ވަރުގަދަ ވިޔަސް ކަމާބެހޭ ފަރާތްތަކުން އުޅަނދުފަހަރަށް އަރައި ޤަވާއިދުން ޗެކްނުރާނަމަ ޤަވާއިދު ހަރުކަށިކުރުމުގެ މާނައެއްނެތް ކަމަށެވެ.

"ކެޕްޓަނަކަށް ދިވެއްސަކު ހުރިއްޔާ ފަޅުވެރިންނަށް ތިބެނީ ސީމަން ޓްރޭނިންގ ކީއްކުރަން ފަތަންވެސް ނޭންގޭ ބިދޭސީން." ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.

މޫސަ ވިދާޅުވީ ގަވާއިދާ އެއްގޮތަށް ކަންކަން ނިންމުމަށް 2022 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމަޔަށް އުޅަނދުފަހަރަށް އިތުރު މުހުލަތެއް ދޭންޖެހޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިހާރު ހުރި ޤަވާއިދު ތަކަށް އަމަލުކުރޭތޯ ޗެކްކޮށް ކަންކަން އިތުރަށް ބެލުމަށް މޫސަވަނީ ގޮވާލަށްވާފައެވެ.

އޭގެ އިތުރުން މޫސަ ވިދާޅުވީ ކަންކަން ތަރުތީބު ނުވެ ހުރެގެން މީހުންގެ ފުރާނަ ގެއްލޭއިރު ޓްރާންޕޯޓް އޮތޯރިޓީއާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދިވެސް ތިއްބަވަނީ ޒުވާބުގައި ކަމަށެވެ.

އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ގަވާއިދުގައި ބުނެފައިވަނީ ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި އެ މިނިސްޓްރީން ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮންނަންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި، ވެސެލް ޓްރެކިންގ ޑިވައިސް ހަރުކުރުމާއި، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުމާއި ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށައެޅުން އެ ގަވާއިދުގައި ވަނީ ލާޒިމްކޮށްފައެވެ.

މީގެ އިތުރުން އުޅަނދުފަހަރުގައި މުއާސަލާތީ އާލާތްތައް ހުންނަންޖެހޭނެކަމަށާއި, މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުންނަންޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެެ. އެ މިނިސްޓްރީން ވަނީ ދީފައިވާ މުހުލަތުގެ ތެރޭގައި މިގޮތަށް އަމަލު ނުކޮށްފިނަމަ ސީވާދިނަސް ސެޓްފިކެޓް ބާތިލް ކުރާނެ ކަމުގެ އިންޒާރު ދީފައެެވެ.

މީގެ ކުރިންވެސް މިފަދަ އުސޫލުތަކާއި ގަވާއިދުތައް ހެދިފައި ހުރި ނަމަވެސް އެކަންކަމަށް އަމަލު ކުރަމުންނުދާކަން ފާހަގަކުރެވެއެވެ. އެ އުސޫލުތަކަށް އަމަލު ނުކޮށް ދަތުރުފަތުރު ކުރުމުން ރާއްޖޭގެ ކަނޑުމަތީގައި އެތައް ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ބައެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެެވެ.



ކިޔުންތެރިންގެ ހިޔާލު