ކުރީީީގެެ ނާއިބު ރައީސް ޑރ. ޖަމީލް (ކ) އާއި, ރައީސް ނަޝީދު
ކުރީީީގެެ ނާއިބު ރައީސް ޑރ. ޖަމީލް (ކ) އާއި, ރައީސް ނަޝީދު
ޤާނޫނު އަސާސީ އަކީ ރައީސް ނަޝީދު ބޭނުން ގޮތަކަށް މޮޑެންއޮތް ފުށްގަނޑެއްނޫން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައީސް ނަޝީދު ފަށްޓަވާފައިވާ މަސައްކަތްތަކާ ބެހޭގޮތުން "ރަސް އޮންލައިން" އާ ވާހަކަ ދައްކަވަމުން މި ސަރުކާރު ގެނައުމުގައިވެސް އިސް ދައުރެއް އަދާކުރެއްވި ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ މިވަގުތު ރައީސް ނަޝީދު ކުރަށްވާ މަސައްކަތްޕުޅަކީ އެމްޑީޕީގެ ފަސް އަހަރުގެ މި ވެރިކަން ފެއިލްވުމުން އެކަމުގެ މަތިޖެހުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ޤާނޫނު އަސާސީ އަކީ ރައީސް ނަޝީދު ބޭނުންފުޅު ގޮތަކަށް މޮޑެންއޮތް ފުށްގަނޑެއް ނޫންކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ, މި ސަރުކާރު އައިފަހުން ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފެއިލްވެފައިވާ ކަމަށެވެ. މި ސަރުކާރުގައި ކެބިނެޓް ވަޒީރުންގެ ގޮތުގައި ތިއްބެވީ ނާޤާބިލް ބަޔަކު ކަމަށާއި, ރައްޔިތުންނަށް ލާބަލިބޭ އެއްވެސް ކަމެއް ނުހިނގާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ ހަވާލުވި ޒިންމާ އަދާކުރަން. ނޫނީ އެއްފަރާތްވާން. 2012 ގައިވެސް ހެދި ގޮތަށް." ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދު ކުރާ ކަންތައްތަކަށް ރައީސް ޞާލިޙާއި ކޯލިޝަން ލީޑަރުން އެއްޗެއް ވިދާޅު ނުވުމަކީ ޤާނޫނު އަސާސީ ބަދަލުކުރުމަށް ރައީސް ނަޝީދު ހިންގަވާ ކަންކަމަކީ ޤާނޫނީބާރެއް އޮތް މަރުޙަލާއެއް ނޫންކަން ސާބިތުވާ ކަމެއްކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ރައީސް ނަޝީދު ފެއިލްވުމަކީ ޤާނޫނު އަސާސީ ފެއިލްވުމެއް ނޫން. ރައީސް ނަޝީދު ބޭނުން ގޮތަކަށް ފުރޮޅާލަން ޤާނޫނު އަސާސީ އަކީ މޮޑޭ ފުށްގަނޑެއްނޫން." ޑރ. ޖަމީލް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައީސް ނަޝީދު ކުރަށްވާ މަސައްކަތްޕުޅަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަންނަވަންއޮތް ހަމައެކަނި ގޮތަކީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުން ކަމަށެވެ. އަދި އެމަގު ފަހިކުރަށްވަން ކުރަށްވާ މަސައްކަތްޕުޅު ކާމިޔާބު ނުވާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީން ކުރަންވީ ކަމަކީ ވައްކަން ކުރުމާއި ބޭކާރު ޚަރަދު ކުރުން ހުއްޓާލުން ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމާއެކު ކޯޓްތަކަށް އަތްބޭނުން ހުއްޓާލާ އަސާސީ ޙައްޤުތަކަށް ޖާގަދިނުމަށް ޑރ. ޖަމީލްވަނީ ގޮވާލަށްވާފައެވެ.

ރައީސް ނަޝީދު ވަނީ ގާނޫނު އަސާސީއަށް އިސްލާހު ތަކެއް ގެނައުމަށް ސިޔާސީ އިސް ފަރާތްތަކާއެކު މަޝްވަރާތައް ފަށްޓަވާފައެވެ. އެގޮތުން ރައީސް ޞާލިހާއެކުވެސް ވަނީ އެކަމުގައި މަޝްވަރާ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު