އިދިކޮޅު ކޯލިޝަންގެ އެއްވުމެއްގެ ތެރެއިން
އިދިކޮޅު ކޯލިޝަންގެ އެއްވުމެއްގެ ތެރެއިން
ރައީސް ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯގެ ސައްޙަކަން ކަށަވަރުނުވެ ދިގުލައި ދިއުމަކީ ކަންބޮޑުވުމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެންޓިންގ ލީޑަރ އަބްދުއްރަޙީމް ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 5 އަހަރުގެ ޖަލު ޙުކުމާ ގުޅިގެން ލީކްވެފައިވާ އޯޑިއޯތަށް ސުޕްރީމް ކޯޓަށް ހެކީގެ ގޮތުގައި ހުށައެޅުމަށްފަހު، އެހެކި އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ އަނބުރާ ގެންދަވާފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އޯޑިއޯގެ ޞައްޙަކަން ދެނެގަތުމަށް ދިގުމުއްދަތެއް ހޭދަވެގެން ދިއުމަކީ ރައީސް ޔާމީނަށް ބޭއިންސާފު ޙުކުމެއް އަތުވެދާނެ ކަމެއްކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ޙުކުމް އިއްވާ ފަހުން އޯޑިއޯގެ ޞައްޙަކަން ކަށަވަރު ވެއްޖެނަމަ ރައީސް ޔާމީންގެ އެތައް ޙައްޤެއް ގެއްލިގެން ދާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އޯޑިއޯތަކުގެ ޞައްޙަކަން ދެނެގަތުމަށް މިރޭ ސިންގަޕޫރަށް ފޮނުވާކަމުގެ ޚަބަރު ލިބިފައިވާކަމަށާއި މިކަން ނުބެލި މިހާ ގިނަ ދުވަސް ވުމަކީ ރައީސް ޔާމީނަށް އިތުރުއަނިޔާތަކެއް ދިނުން ކަމަށެވެ.

ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅު ލީޑަޝިޕުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާ ވެސް ބައްދަލުކޮށް ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.

ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ލީކުވެފައިވާ އޯޑިއޯ ތަކުގައި ވާހަކަ ދައްކަވަނީ ހުސައިން ފާއިޒު ރަޝާދާއި އަލީ އާދަމާއި މުހައްމަދު ސަމީރެވެ. ފުލުހުން ވަނީ އެ ތިން ފަނޑިޔާރުންގެ ރުހުމުގައި އެ ބޭފުޅުންގެ އަޑުގެ ސާމްޕަލް ނަގައިފަ އެވެ.

ތިން ފަނޑިޔާރުން ވެސް ޖޭއެސްސީއަށް ހާޒިރުކޮށް ސުވާލު ކުރުމުން، އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. ނަމަވެސް އެބޭފުޅުން އެކަން ދޮގުކުރެއްވި ކަމެއް އަމިއްލަފުޅަށް އަދި ވިދާޅެއް ނުވެއެވެ. ލީކުވި އޯޑިއޯތަކުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރި ނަމަވެސް އަލީ ޒާހިރާ ސަރުކާރުން ވެސް ވަނީ އެކަން ދޮގުކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު