ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
އިންވެސްޓަރުންގެ އިތުބާރު ގެއްލޭގޮތަށް ދުނިޔޭގެ މީޑިއާގެ ކުރިމަތީގައި ވާހަކަ ދެއްކުން މަދުކުރެއްވުމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ސައިރިކްސް ޝަރީފް ރައީސް ނަޝީދަށް މިމޭރުމުން ގޮވާލައްވާފައިވަނީ، ރާއްޖެއިން ބޭރު ޤައުމުތަކަށް ދަރާފައިވާ ދަރަނިން ކޮންމެވެސް މިންވަރެއް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމުން ސަލާމަތްވުމަށް ހިންގާ މަޝްރޫއުތަކަށް ޚަރަދުކުރެވޭ ފައިސާކަމުގައި ކަނޑައަޅައިދިނުމަށް ކޮޕް26ގައި އެދިވަޑައިގަންނަވާނެ ކަމަށް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އަދި ރާއްޖެ އެންމެ ބޮޑަށް ދަރާފައިވަނީ ޗައިނާއަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ޝަރީފް ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު ގެއްލޭގޮތަށް ދުނިޔޭގެ މީޑިއާގެ ކުރިމަތީގައި ވާހަކަ ދެއްކެވުން ރައީސް ނަޝީދު މަދުކުރަންޖެހޭ ކަމަށާއި ރާއްޖޭގެ އިޤްތިޞާދަކީ އެތައް ބައެއްގެ ބުރަ މަސައްކަތުން މިހިސާބަށް ގެނައި އިޤްތިޞާދެއް ކަމަށެވެ. އަދި ޗައިނާއިން ދީފައިވާ ލޯނުގެ ވާހަކަ ދައްކާނަމަ އިންޑިއާއިން ނަގާފައިވާ ލޯނުގެ ވާހަކަވެސް ދައްކަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޗައިނާގެ ލޯނު! ކޮބައިތޯ އިންޑިއާއިން ނެގި ލޯނުތައް؟ ރާއްޖޭގެ އިގްތިސާދަކީ އެތަކެއް ބައެއްގެ ބުރަ މަސައްކަތުން މިއަދާހަމައަށް ގެނެސްދީފައިވާ އިގްތިސާދެއް." ސައިރިކްސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މަޖިލިހުގެ ރައީސްކަން ލިބުނު ހިސާބުން ރައީސް ނަޝީދު ޗައިނާއާއި ޖައްސާލައިގެން އުޅުއްވާ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި "މިއީ ބޮޑުވަރު" ކަމަށް ވިދާޅުވެ ޝަރީފު ވިދާޅުވީ ޗައިނާގެ ލޯނުން ގެދޮރުނެތް އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދީ އެތަންތަން ބުރިޖަކުން ގުޅައިދީފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު