އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކުރުން
އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކުރުން
އުތުުރު ތިލަފަޅު އެއްބަސްވުން ހާމަކުރަން އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފް ގޮވާލެއްވުމުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދަށް ޙަސަން ލަތީފް ގޯސްވެއްޖެއެވެ.

އިންޑިއާއެކު ގާއިމްކޮށްފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކުރުމަށް ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވާފައި ވަނީ، އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އަޑު އުފުލަމުންދިއުމާއި އެކަމުގައި ސަރުކާރަށާއި އެމްޑީޕީއަށް ވެސް ތުހުމަތުތަކެއް ކުރަމުންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމަޢުގެ ސަމާލުކަމަށްވެސް މިކަން މިހާރު ވަނީ އައިސްފައެވެ.

ހަސަން ލަތީފް ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއްކަމަށެވެ. އަދި ފޮރުވައިގެން ސިއްރުން ކަންކަން ކުރަން ނޫޅޭކަމާއި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެއްވުމަކީ ބޭނުންތެރިކަމެއްކަމަށްވެސް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

ނަމަވެސް ޙަސަން ލަތީފްގެ މި ޚިޔާލު އެމްޑީޕީގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދަށް ކަމަކު ނުދިޔައެވެ. ޙަސަން ލަތީފަށް ރައްދު ދެއްވަމުން އިއްސެ ވިދާޅުވީ ޙަސަން ލަތީފަކީ 241 ކޮމިޓީގައި އިންނަވާ ބޭފުޅަކަށް ވާއިރު ޤާނޫނީ ޒިންމާ އަދާކުރަށްވައި ކޮމިޓީގެ ތެރެއިން އެކަމަށް ޙައްލު ހޯދުން ރަނގަޅުވާނެ ކަމަށާއި ސޯޝަލް މީޑިއާގައި އެވާހަކަ ދެއްކެވީތީ ލަދުވެތިވާ ކަމަށެވެ.

"ސުވާލު އުފެދޭނަމަ ޙަވާލުވެ ހުންނެވި ޤާނޫނީ ޒިންމާ އަދާ ކުރެއްވުމަށް ހަނދުމަކޮށް އަރުވަން." ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެފައިވެއެވެ.



އިއްސެގެ ވާހަކަތަކަށް ޙަސަން ލަތީފްވެސް ވަނީ ރައްދު ދެއްވާފައެވެ. ޙަސަން ވިދާޅުވީ އޭނާ އެވާހަކަ ދައްކަވަނީ ސުވާލެއް އުފެދިގެން ނޫން ކަމަށެވެ. އަދި އުތުރު ތިލަފަޅުގެ އެއްބަސްވުން ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް ރައްޔިތުންނަށް އޮޅުވާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވަންޖެހޭ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާއިރު ކަންއޮތްގޮތް ކިޔައި ނުދެވުނީމަ އޮޅުވާލާ މީހުންނަށް އެކަން ކުރުމަށް ފުރުސަތު ބޮޑުވާތީ މިވާހަކަ މި ދަންނަވަނީ." ޙަސަން ލަތީފް ވިދާޅުވެފައިވެއެވެ.



އިންޑިއާއެކު ގާއިމްކޮށްފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ސަރުކާރަށް ގޮވާލައްވާފައިވާއިރު، މިއީ އެމްޑީޕީ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މިކަމަށް މިހާ ފާޅުކަންބޮޑު ގޮތެއްގައި ގޮވާލެއްވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ހަސަން ލަތީފަކީ ރައީސް ނަޝީދާއި ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށްވުމުން، މިއީ ރައީސް ނަޝީދުގެ ރުހުން ލިބިގެން ދެއްކެވި ވާހަކައަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޔޫޓީއެފް އެއްބަސްވުން އާއްމުކުރުމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގޮވާލަމުންދިޔަނަމަވެސް ސަރުކާރުން އެކަމަށް އިޖާބައެއް ނުދެއެވެ. ނަމަވެސް އެމްއެންޑީއެފާއި ޑިފެންސް މިނިސްޓްރީން ދާދިފަހުން ވަނީ އިތުރު ތިލަފަޅު އެއްބަސްވުމުގައި ހިމެނޭ ކަމަށްބުނާ މައުލޫމާތު ތަކެއް ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


4

ފަހުމީ

15-Nov-2021

ހަސަން ބުނި އެތި އިއްސެ އަށް ގޯސް އިއްސެ ބުނި އެތި ލިއުނު މީހާއަށް ގޯސް. ސިޔާސީ މީގުނެކޭ ނޫހެކޭ ކޮބާ ތަފާތެއް؟