ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާން (ވ)
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާން (ވ)
241 ކޮމިޓީގައި ހިމެނޭ ޕީޕީއެމް މެންބަރުން ރައްޔިތުންނަށް އޮޅުވާނުލުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު ޙުސެއިން ފިރުޝާން ގޮވާލަށްވައިފިއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއްކަމަށާއި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެއްވުމަކީ ބޭނުންތެރި ކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެފައިވާތީ މެންބަރު ފިރުޝާން ވަނީ އެކަމަށް ތާޢީދު ކުރަށްވާފައެވެ.

ފިރުޝާން ވިދާޅުވީ 241 ކޮމިޓީގެ ޕީޕީއެމް މެންބަރުންނަށް އުތުރު ތިލަފަޅު އެއްބަސްވުމުގެ ތަފްސީލްތައް އެނގޭއިރު އެކަން ރައްޔިތުންނަށްވެސް އަންގައިދޭން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެކަން އަންގައިދިނުމަކީ ސަރުކާރުންވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ޕީޕީއެމުން ދައްކާ ވާހަކަތައް ރައްޔިތުންނަށް ވަޒަންކުރެވޭނީ އޭރުންކަމަށް މެންބަރު ފިރުޝާން ވިދާޅުވިއެވެ.



ޙަސަން ލަތީފް މިއަދު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް ރައްޔިތުންނަށް އޮޅުވާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވަންޖެހޭ ކަމަށެވެ.

އިންޑިއާއެކު ގާއިމްކޮށްފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ސަރުކާރަށް ގޮވާލައްވާފައިވާއިރު، މިއީ އެމްޑީޕީ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މިކަމަށް މިހާ ފާޅުކަންބޮޑު ގޮތެއްގައި ގޮވާލެއްވި ފުރަތަމަ ފަހަރެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ހިމެނޭ ޕްރެސެންޓޭޝަނެއް 241 ކޮމިޓީއާ ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް އެ އެއްބަސްވުމުގައި އޮތް އެއްޗެއް އަދި ވެސް ހާމަނުކުރާ ކަމަށް އިދިކޮޅު މަޖިލިސް މެންބަރުން ގެންދަވަނީ ތުހުމަތު ކުރަށްވަމުންނެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ ކަމަށް ބުނެ އެމީހުން ބޭލުމަށް "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ހަރަކާތެއް ހިންގަމުންދާއިރު އިންޑިއާއެކު މި ސަރުކާރުން ގޮތްނޭނގޭ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ބުނެ އެ އެއްބަސްވުންތައް ހާމަ ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު