ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ޕަބްލިކް ކޮމެންޓް ނުކުރުމަށް ހައިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް އަންގަވައިފިއެވެ.

މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާ އަތުލުމަށްފަހު ބޭރުގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ، އަންމަޓީ ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލައިގައި އިއްޔެ ހައިކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ، މައްސަލައިގެ މައުޟޫއު ކޯޓުގައި ހިގަހިގައި އޮއްވައި، އެ މައުޟޫއުގައި ކޯޓުން ބޭރުގައި ވަކިގޮތަކަށް އާންމުކޮށް ވާހަކަ ދެއްކުމަކީ ގާނޫނު ދައްކާފައިވާ މަގު ނޫންކަމަށެވެ.

ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، ފުރައްސާރައަކަށް ވެދާނެ ގޮތަކަށް ކަންކަން ކުރުމާއި، ކޯޓަކަށް ހުށަހެޅިފައިވާ ކަމަކާ މެދު ޕަބްލިކުގައި ކޮމެންޓު ކުރުމަކީ ކޯޓު ހުރުމަތް ކެނޑުމުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހިދާނެ ފަދަކަމެއް ކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވެފައިވެއެވެ.

"އެފަދައިން ކަންކުރެވޭ ނަމަ، އެކަމުގެ ނޭދެވޭ އަސަރު ޝަރުޢީ ނިޒާމަށް ކުރުމުގެ އިހުތިމާލު އޮންނާނެ. އަދި ޝަރުޢީ ދާއިރާއާއި ފަނޑިޔާރުންނާ މެދު އޮންނަންޖެހޭ އިތުބާރު ކުޑަވުމުގެ މަގު އިތުރަށް ފަހިވެގެން ހިނގައިދާނެ." ފަނޑިޔާރު ވިދާޅުވި އެވެ.

ކަފާލާތުގެ ދަށުން މީހަކު ދޫކޮށް ނުލުމަށް އިންޑިއާގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއްގައި، އެގޮތަށް ނިންމީ ކުށުގެ ތުހުމަތުކުރެވޭ އެ މީހާއަކީ ކުރިން ފިލާފައިވާ މީހަކަށް ވާތީ ކަމަށް ބުނާ ލިޔުމެއް ޕީޖީ ޝަމީމް ވަނީ މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައެވެ. އެ ނިންމުމަށް ޙަވާލާދެއްވަމުން ޝަމީމް ވިދާޅުވީ އެއްފަހަރު ފިލައިގެން އުޅެފައި ހުރި މީހަކު، އަލުން ފިލުމުގެ ފުރުޞަތު އޮންނާނެކަން އިންޑިޔާގެ ސްޓޭޓްތަކުގެ ހައިކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އެޙާލަތުގައި އެންމެންގެ ވަގުތު ގެއްލޭނެޔަތީ، އެމީހާ ކަފާލާތުގައި ދޫނުކުރެވޭނެކަމަށް އެވެރިން ޤަބޫލުކުރެއެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ކްރިމިނަލް ކޯޓުން ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައިވަނީ އަންމަޓީގެ އަންހެން ކޮއްކޮއާއި ދައްތަ ޖާމިނުކުރުމަށްފަހުއެވެ. އަދި ޢަލީ ވަޙީދު ދޫކޮށްލީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު ޢަލީ ޖާމިނު ކުރުމަށް ފަހުއެވެ. މިދެމައްސަލައިގައި ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް ޕީޖީ ޝަމީމު ދޭތެރެ ދޭތެރެއިން މިފަދަ ބަސްފުޅުތައް ވިދާޅުވަމުން ގެންދަވާތީ ހައިކޯޓުން ހިތްހަމަ ނުޖެހުން ފާޅުކުރެއްވި ނަމަވެސް އިއްޔެ ހައިކޯޓުން ވަނީ އަންމަޓީގެ ކަފާލާތު އުވާލާ އަލުން ހައްޔަރު ކުރުމަށް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން