އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތު
އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތު
އެމްއެެމްޕީއާރުސީ ޚިޔާނާތުގައި ވަގަށް ނެތި ފަންސާސްހާސް ޑޮލަރު އަނބުރާ ދައްކަން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއްގެ މައްޗަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

އދ. ފުށިދިއްގާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ފަހު ޑިޕޮސިޓްގެ ގޮތުގައި ދެއްކި 50،000 ޑޮލަރު އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއް ކަމަށްވާ އެމްއެޗްއާރު ޓްރޭޑިންގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ. އެ ކުންފުންޏަކީ ޒިޔަތުގެ ޢާއިލީ ބޭފުޅެއްގެ ކުންފުންޏެކެވެ.

ފުށިދިއްގާ ކުއްޔަށްނެގި އެޗްއެމްއެޗްއައި ކުންފުނީގެ ފަރާތުން އެރަށުގެ ހެޑްލީސް ގަތުމަށް ދައްކަން ޖެހޭ ޖުމްލަ ލީސް އެކުއިޒިޝަން ކޯސްޓަށްވާ 3 މިލިއަން ޑޮލަރުގެ ތެރެއިން 50،000 ޑޮލަރު ޑިޕޮސިޓްގެ ގޮތުގައި ދައުލަތަށް ދެއްކި ޗެކު އެމްއެމްޕީއާރްސީއަށް ލިބިފައިވާ ކަމުގައި ބުނެ ޕޭމަންޓް ވައުޗަރުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ ޒިޔަތު އެވެ. ނަމަވެސް ސިވިލްކޯޓުން މީގެ ކުރިން ނިންމާފައިވަނީ އެ ފައިސާ އަނބުރާ ނަގައިދެވެން ނެތް ކަމަށެވެ.

ސިވިލްކޯޓުގެ ނިންމުން ބަދަލުކޮށް ހައިކޯޓުން އިއްޔެ ޙުކުމްކޮށްފައިވަނީ އެޗްއެމްއެޗްއައި ކުންފުނީގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކީ އެ ކުންފުނިން އެމްއެމްޕީއާރްސީއަށް ދޫކޮށްފައިވާ ޗެކެއްކަން އެނގެން އޮތުމުން، އެ ޗެކުން އެމްއެޗްއާރުގެ ބޭންކް އެކައުންޓަށް 26 އޮކްޓޫބަރު 2014 ގައި ޖަމާކުރި 50،000 ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. އެހެން ކަމުން 30 ދުވަހުގެ ތެރޭގައި އެފައިސާ ދަޢުލަތަށް ދެއްކުމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ހައިކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަލީ ސަމީރެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ޒިޔަތާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 32 ދައުވާ އަށް އޭނާ ވަނީ އެއްބަސްވެ ކޮރަޕްޝަންގެ ތަހުގީގަށް އެއްބާރުލުން ދޭން ޕްލީ ބާގެއިން އެއްބަސްވުމެއް ހަދާފައެވެ. އަދި ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ދެއްކި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާ ސާބިތުވެ މިހާރު ޒިޔަތު ގެންދަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވީ ނަމަވެސް ހޯމް މިނިސްޓްރީ އަށް ލިބިދީފައިވާ ބާރުގެ ދަށުން އެ މިނިސްޓްރީގެ ނިންމުމަކަށް ޒިޔަތު ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ގޭބަންދަށް ބަދަލު ކޮށްފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްވި މައްސަލައިގައި ކުރި ދައުވާތަކަށް އެއްބަސްވެ، ޚިޔާނާތުގައި ޒިޔަތާ އެކު އިސްކޮށް ހުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް ވަނީ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. އޭގެ ދަށުން އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން