ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން (މ)
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން (މ)
ދަރިންނަށް މަތީ ތަޢުލީމް ފޯރުކޮށްދެވޭނެ ގޮތެއް ނެތިގެން މައިންބަފައިން ކުރިން ވިސްނި ވިސްނުން ރައީސް ޞާލިޙްގެ ސަރުކާރުން ފަހިކޮށްދިން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތާއެކު މުޅިން ނިމުމަކަށް އައިސްފައިވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މެންބަރު އިކްރާމް ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުން ދަނީ ރާއްޖެއަށް މާނަވީ ގޮތުންނާއި ޢުމްރާނީ ގޮތުން ބޮޑެތި ކުރިއެރުންތައް ގެނެސްދެއްވަމުން ކަމަށާއި ޚާއްސަކޮށް ޒުވާންޖީލަށް އެމަނިކުފާނުގެ ޒަޢާމަތުގައި ހެޔޮ ފުރުސަތުތަކެއް ތަނަވަސް ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން ތަޢުލީމަށާއި ވަޒީފާގެ މާޙައުލަށް މި ސަރުކާރުން ގެންނެވި ބަދަލުތައް އިކްރާމް ވަނީ ފާހަގަ ކުރަށްވާފައެވެ.

"ރަނގަޅަށް ކިޔަވައިގެން ނިމޭ ކުދިންގެ މައިންބަފައިން މިހާރު އެކުދިންނަށް މަތީތަޢުލީމުގެ ފުރުސަތު ނުލިބިދާނެތީ ކަންބޮޑުވާކަށް ނުޖެހޭނެ. ސަރުކާރުން ހިލޭ އެކަން އެބަ ކޮށްދޭ. ހަމަ އެހެންމެ ސަރުކާރުން އެބަ ހަމަޖައްސައިދޭ މަތީތަޢުލީމުގެ ލޯނުވެސް ވަރަށް ލުއި ގޮތެއްގަ." މެންބަރު އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ ރައީސް ޞާލިޙް ރާއްޖެއަށް ގެނެސްދެއްވާ މާނަވީ ތަރައްޤީގެ ތެރެއިން ޢާއިލީ އުފާވެރިކަމަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ލިބޭ ސަރވިސް ޗާޖް ވަކި އޮނިގަނޑެއްގެ ތެރެއިން ދެވޭނެ ގޮތަށް ހަމަޖެއްސުމާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެން ދިއުމަކީވެސް ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުން ދިއްގަރުދާއިރާގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުހިންގާހާ ގިނަ ޕްރޮޖެކްޓްތައް ކަމަށް އިކްރާމް ވިދާޅުވިއެވެ. އެގޮތުން 2022 ވަނަ އަހަރު ނިމޭއިރު ދިއްގަރު ދާއިރާގައި ސަރުކާރުން މުޅިން އައު ޕްރޮޖެކްޓެއް ނުހިންގާ އެންމެ ރަށެއްވެސް ނޯންނާނެކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެވުނު މުއްދަތުގައި ރައްޔިތުން ޤަބޫލުކުރާފަދަ މަސައްކަތްތަކެއް ކޮށްދެއްވުނުކަމުގެ އިޙްސާސް ވަރަށްބޮޑަށް ކުރެއްވޭ ކަމަށެވެ. ޚާއްސަކޮށް ދިއްގަރު ދާއިރާގެ ރައްޔިތުންތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށާއި އެކަމުގައި ވަކި ސިޔާސީ ވިސްނުމެއްގެ ތަފާތުކަމެއް ނެތްކަމަށެވެ.

"މިހާރުވެސް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަނޭ އަޅުގަނޑު މި ކުރާ މަސައްކަތް. މި ސަރުކާރަށް ނުވަތަ އަޅުގަނޑުމެންގެ ޕާޓީއަށް ތާޢީދު ނުކުރާ ރައްޔިތުންވެސް ޤަބޫލުކުރޭ އަޅުގަނޑު ކުރާ މަސައްކަތް. އަދި ރަށްރަށުގެ ކައުންސިލްތަކާވެސް ވަރަށް ގުޅިގެން ވަރަށް ރަނގަޅު މަސައްކަތްތަކެއް އެބަ ކުރެވޭ." އިކްރާމް ވިދާޅުވިއެވެ.

އަބަދުވެސް މަސައްކަތްޕުޅު ކުރަށްވާނީ ރައީސް ޞާލިޙްގެ ސަރުކާރުގެ ދިފާޢުގައިކަން ފާހަގަކުރަށްވަމުން އިކްރާމް ވިދާޅުވީ 2024ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން އެބަހުރިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


7

އަބްދޫ

01-Dec-2021

އެމްޑީޕީން ވެރިކަމަށް ނަސީދު އައި އިރު ރާއްޖޭގަ މަތީތައުލީމާއި ފުރަތަމަ ޑިގްރީ އޮތީ ހިލޭ . އަދި މަތީތައުލީމްގަ ކިޔަވާ ރައްޖެއާއި ބޭރުގަ ތިބޭ ހުރިހާދަރިވަރުންނަށް ޖީބު ފައިސާގެ ގޮތުގަ ވެސް ފައިސާ ދެމުންގޮސްފައިވާނެ. އެފައިސާ ދިނުމާއި ހިލޭ ކިޔަވައިދިނުން ހުއްޓުވީ ގ.ކެނެރީގެ މުހަންމަދު ނަސީދުގެ ވެރިކަމުގާ. މިހާރު ފެއްޓިޔަސް ތިޔައީ އެމްޑީޕީ ސަރުކާރުންފެށިކަމެއްނން.