ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ރައީސް ޔާމީންގެ މައްޗަށް އުފުލައިގެން އުޅޭ މައްސަލައަކީ ސަރުކާރުން ސިޔާސީ މަންފާއަށް ފެބްރިކޭޓުކުރި މައްސަލައެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޝިޔާމް ޢާއްމު ކުރަށްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހަކީ ދިވެހި ތާރީޚުދުއް ކަޅުދުވަހެއް ކަމަށެވެ. އަދި އެއީ ހަމަޔާ އިންސާފުގެ މައްޗަށް އަނިޔާވެެރިކަމާ ބޭއިންސާފު ގަދަވެ ދިވެހި ޖުމްޙޫރިއްޔާގެ ޤާނޫން އަސާސީ ނަގަހައްޓާ ދަމަހައްޓަންތިބި ޒިންމާދާރު މުޢައްސަސާތައް ނުކުޅެދި ޑިމޮކްރަސީއަށް ރައްޔިތުންކުރި އުންމީދުތައް ވެއްޔާމޮޑެވި މުޅިނިޒާމާދޭތެރޭ ރައްޔިތުންގެ އޮތް ހަނި އިތުބާރުވެސް ގެއްލިގެންދިޔަ ބަނަ ދުވަހެއް ކަމަށް ޝިޔާމް ވަނީ ސިފަކުރަށްވާފައެވެ.

"ރައީސް ޔާމީންގެ މައްސަލައަކީ ސަރުކާރުން ސިޔާސީ މަންފާއަށް ފެބްރިކޭޓުކުރި މައްސަލައެއް. ތަޙުޤީގުން ފެށިގެން އެންމެމަތީ ކޯޓާހިސާބަށް އެމައްސަލަ ދަތުރުކުރިއިރު ހާމަކަންބޮޑުކޮށް ރައްޔިތުންނަށް ފެނި ޔަޤީންވެގެން ދިޔައީ ސަރުކާރުގެ ނުފޫޒު ހުރިހާ މަރުޙަލާއެއްގައި މުޅި މައްސަލަޔަށް އޮތްމިންވަރު. ފެނި ހާމަވީ ރައީސް ޔާމީންގެ ސާބިތުކަމާ އެމަނިކުފާނުގެ މައުސޫމްކަން." ޝިޔާމް ލިޔުއްވާފައިވެއެވެ.

ޝިޔާމް ވިދާޅުވީ ނާއިންސާފުވެރި ޙުކުމަކުން ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިއަދަށް 2 އަހަރު ވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް މި 2 އަހަރުވެގެން މިދިޔައީ ރާއްޖޭގެ ތަރައްގީގެ ތާރީޚު ހުއްޓި އިޤްތިޞާދު ފުންއަނދަވަޅަކަށް ވެއްޓި ޤައުމު ބަނގުރޫޓުވެ ރައްޔިތުން ނިކަމެތިވެގެންދިޔަ 2 އަހަރަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހަމައެއާއެކު މިއީ ޤައުމުގެ ޢިޖުތިމާއީ ފޭރާން މުޅިން ހަލާކުވެ މުޖުތަމަޢުގެ އަމާންކަމާ ރައްކާތެރިކަން ގެއްލިގެންދިޔަ 2 އަހަރު ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ދިވެހި ޤައުމުގެ ކަންކަން ނިންމުމުގައި ދިވެހިންނަށް ބަސް ނުބުނެވި ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިކަން ވެެރިވި 2 އަހަރަށް. ސައްތައިން ސައްތަ އިސްލާމީ މިމުޖުތަމަޢުގައި އިސްލާމްދީނަށާ ރަސޫލު ﷺ އަށް ފުރައްސާރަކޮށް ﷲ ގެ ކަލާންފުޅަށް ގޮންޖަހާ މިސްކިތްތަކުގެ ޙުރުމަތްކެނޑުން ޢާއްމުވި 2 އަހަރަށް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައަކީ ބާޠިލް ތަޙުޤީގުތަކެއްގެ މައްޗަށް ތަރުތީބުކުރެވުނު ޝަރީޢަތެއް ކަމަށެވެ. އަދި މިމަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި އޮންނަ ޙުކުމް އިއްވާ ޝަރީޢަތުގެ މަޖީލީހަކީ ރައީސް ޔާމީންގެ މައުސޫމްކަން އިތުރަށް ސާބިތުވެ ޙައްޤަށް ނަޞްރު ލިބިގެންދާނެ ދުވަހެއްކަމުގައި ލެއްވުމަށް ޝިޔާމް ވަނީ ދުޢާކުރަށްވަފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ރައީސް ޔާމިން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރި ހުކުމްގެ އިސްތިއުނާފީ އަޑުއެހުންތައް ނިމި މާދަމާ ސްޕްރީމް ކޯޓުން ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ. ދަށު ކޯޓުން އިއްވެ އެ ހުކުމަށް ރާއްޖޭގެ ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު