ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ
ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ
މަޤާމެއް ޙަވާލުކުރި ނަމަވެސް ޒިންމާ އަދާކުރެވޭނީ ބަޖެޓް ލިބިގެން ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި މިނިސްޓަރ ނަހުލާ ވިދާޅުވީ މަޤާމެއް ޙަވާލުކުރި ނަމަވެސް ޒިންމާ އަދާކުރެވޭނީ ބަޖެޓް ލިބިގެން ކަމަށެވެ.

ރައީސް ޞާލިޙްގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ޚިދުމަތް ދިނުން އަދިވެސް ފެށިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ޙަސަން ލަތީފް ވަނީ ފާޅުކުރަށްވާފައެވެ. ޖަވާބުގައި ނަހުލާ ވިދާޅުވީ އެކަމަށް ބޭނުންވާވަރަށް ބަޖެޓް ލިބިފައި ނުވާ ކަމަށެވެ.

"ވަޒީރެއްގެ ގޮތުގައި އަޅުގަނޑުމެން އައްޔަންކުރިޔަސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ، އަދި އަޅުގަނޑުމެންނާ ހަވާލު ކުރާ ޒިންމާތައް އަދާކުރެވޭނީ އަޅުގަނޑުމެންނަށް އެ މަސައްކަތަށް ބޭނުންވާ ބަޖެޓު ލިބިގެން." ނަހުލާ ވިދާޅުވިއެވެ.

ނަހުލާ މިއަދު ވިދާޅުވީ މިނީބަހުގެ ޚިދުމަތް ދިނުން ނުފެށި ލަސްވެފައިވަނީ އެކަމަށް ބޭނުންވާ ބަޖެޓު މިހާތަނަށް ހަމަޖެހިފައި ނުވާތީ ކަމަށެވެ.

މާލޭގައި މިނީބަހުގެ ހިދުމަތް ދިނުން ލަސްވަނީ މާލޭގެ މަގުތަކަށް އެކަށޭނެ ގޮތަކަށް ކަސްޓަމައިޒް ކޮށްގެން ބަސްތައް ގެންނާތީ ކަމަށް ކުރިން މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެބަސްތައް ގެނެވިފައެއް ނުވެއެވެ.

އަންނައަހަރުގެ ބަޖެޓުގައި މިނީބަހުގެ ޚިދުމަތް ފެށުމަށް 16.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު