ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
ބޮޑެތި ގިނަ މައްސަލަތައް ދަޢުލަތަށް ނާކާމިޔާބުވަނީ ތަހުގީގުކުރުމުގައި ހެދޭ ގޯސް ގިނަކަމުން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކްރިމިނަލްކޯޓުން އިއްވާފައިވާ 5 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމުގައި ފަނޑިޔާރުން ޙުކުމް ބިނާކުރެއްވި ހަމަތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވަމުން މޫސާ ސިރާޖް ވިދާޅުވީ މިއަދުގެ ހުކުމުން ސާފުވީ ތަހުގީގީ އިދާރާތައް ހަރުދަނާކުރަންޖެހޭ ކަމާއި ދައުވާ އުފުލުމުގައި ހަރުދަނާވާންޖެހޭކަން ކަމަށެވެ.

"ބޮޑެތި ގިނަ މައްސަލަތަށް ގެއްލެނީ ތަހުގީގުކުރުމުގައި ހެދޭ ގޯސް ގިނަކަމުން." މޫސާ ސިރާޖު ވިދާޅުވިއެވެ.

މޫސާ ސިރާޖު އިތުރަށް ވިދާޅުވީ މިއަދުގެ ޙުކުމުން އިތުރަށް ސާފުވެގެން ދިޔައީ މިއަދުގެ ޝަރުޢީ ނިޒާމުގެ ތެރެއިން ސިޔާސީ މީހަކަށް ވީތީ އިންސާފުން ބޭރުން ހުކުމެއް ނީއްވާނެކަން ކަމަށާއި އެފަދަ ޙުކުމެއް ނުވެސް އިއްވޭނެކަން ކަމަށެވެ.

މީގެ ކުރިން 24 މެއި 2020 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މޫސާ ސިރާޖް ފޮނުއްވި ސިޓީއެއްގައިވެސް ވަނީ ފުލުހުން މައްސަލަތައް ތަހުގީގު ކުރުމާއި ޕްރޮސިކިއުޓަރ ޖެނެރަލް މައްސަލަތަކުގައި ދައުވާކުރުމުގައި ހުރި ކަންބޮޑުވުން ފާހަގަކުރަށްވާފައެވެ. އެގޮތުން ފުލުހުންގެ އިދާރާ އިސްލާހުނުކޮށް ޖިނާއީ އަދުލުގެ ނިޒާމު އިސްލާހެއް ނުކުރެވޭނެ ކަމަށް އެދުވަހުވެސް ސިރާޖު ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ގއ. ވޮޑަމުލާގެ މައްސަލާގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. މި ހުކުމާއެކު ދެއަހަރާއި ދެ ދުވަހަށްފަހު ރައީސް ޔާމީން މިއަދު ވަނީ މިނިވަންވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު