ރައީސް ޔާމީން (ކ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
ރައީސް ޔާމީން (ކ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
ރައީސް ޔާމީން ފިއްލަވަން އުޅުއްވާ ކަމަށް ހީކޮށް "މޮޔަފުޅު" ނުވުމަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިމޭރުމުން ވިދާޅުވެފައި މިވަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން މިރޭ ނެރެފައިވާތީ އެކަމާ ގުޅިގެންނެވެ. ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން މިރޭ ނެރެފައިވަނީ އެކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުމާ ގުޅިގެންނެވެ. ކުރިމިނަލް ކޯޓުން މި އަމުރު ނެރެދީފައިވަނީ ހަތް ދުވަހަށެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު އަމުރާއި ގުޅިގެން ޝުޖާއު ވިދާޅުވީ ރައީސް ޔާމިނަކީ ރައްޔިތުން ދޫކުރައްވާ ފިއްލަވާނެ ލީޑަރެއް ނޫން ކަމަށެވެ. އަދި މޮޔަވެގެން ނޫޅުމަށާއި، ޤައުމަށް ދިމާވެފައިވާ މިނާޒުކު ވަގުތު ރައްޔިތުންނާއެކު ރައީސް ޔާމީން ހުންނަވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ޤައުމަށް ދިމާވެފައިވާ މިނާޒުކު ވަގުތު، މިނިވަންކަމަށް ގޮންޖެހުންތައް ކުރިމަތި ވެފައިވާ މިވަގުތު ރައްޔިތުންނާއެކު ރައީސް ޔާމީން ވާނެ. މޮޔަފުޅު ވެގެން ނޫޅުއްވާ." މަލާމާތުގެ ރާގެއްގައި ޝުޖާއު ވިދާޅުވެފައިވެއެވެ.

ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ގއ. ވޮޑަމުލާގެ މައްސަލާގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. މި ހުކުމާއެކު ދެއަހަރާއި ދެ ދުވަހަށްފަހު ރައީސް ޔާމީން މިއަދު ވަނީ މިނިވަންވެވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން ފުލުހުން މިރޭ ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ތަޙްޤީޤު ކުރިއަށްދާ މައްސަލައަކާ ގުޅިގެން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް ފުލުހުން ތަޙްްޤީޤު ކުރަމުންދަނީ ރައީސް ޔާމީންގެ ކޮންމައްސަލައެއްކަން ކަށަވަރުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު