މޯލްޑިވްސް ރިފޯމް މޫވަމަންޓް އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން
މޯލްޑިވްސް ރިފޯމް މޫވަމަންޓް އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައި ނުގަންނަވާ ކަމަށާއި އޭސީސީން އެކުލަވާލި ލިސްޓުގައި އޭނާގެ ނަން އޮންނަންޖެހޭ ސަބަބެއް ނެތްކަމަށް މޯލްޑިވްސް ރިފޯމް މޫވަމަންޓް، އެމްއާރުއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ފާރިސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ޚިޔާނާތުގެ މައްސަލާގައި އޭނާއަށް ދަޢުލަތުގެ އެއްވެސް އިދާރާއަކުން ސުވާލެއްވެސް ކޮށްފައި ނެތްކަމަށެވެ. އަދި ނާޖާއިޒު ގޮތުގައި އެއްވެސް ފައިސާއެއް އެއްވެސް ތަނަކުން ހޯދާފައި ނޯންނާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އޭނާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ދެކޮޅަށް އެންމެބޮޑަށް އަޑު އުފުއްލެވި އެއް ފަރާތްކަމަށާއި އެހެންކަމުން އެ ލިސްޓުގެ ސައްޙަކަމާމެދު ސުވާލު އުފައްދަވާ ކަމަށެވެ.

"އެއްވެސް ފަރާތަކުން އަޅުގަނޑަށް ސުވާލެއް ވެސް ނުކޮށް ހުރެ، ލިސްޓަކަށް އައުމުން އެ ލިސްޓުގެ ސައްޙަކަމާ މެދު އަޅުގަނޑު ހަމަ ސުވާލު އުފައްދަން" ފާރިސް ވިދާޅުވެފައިވެއެވެ.

ފާރިސް މިހެން ވިދާޅުވި ނަމަވެސް ރައްޔިތުންގެ މަޖިލިސް ގޮނޑި ހޯއްދަވަން ކުރެއްވި ކެމްޕޭންގައި އޭނާގެ ކެމްޕޭނަށް އަހުމަދު އަދީބުގެ އެހީ ހޯއްދަވައިގެން ޚަރަދު ކުރެއްވި ވާހަކައަކީ އޭރުވެދް ދެކެވުނު ވާހަކަތަކެއްކަން ފާހަގަކޮށްލެވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ސިޔާސީ ގިނަ ބަޔަކު ބައިވެރިވެފައިވާކަމަށް މީގެކުރިން ދައުލަތުގެ އެކި އިދާރާތަކުން ނެރެފައިވާ ރިޕޯޓްތަކުގައިވެއެވެ. އެގޮތުން ކުރީގެ މިނިސްޓަރުންނާއި މިހާރުގެ މިނިސްޓަރުންނާއި، ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި، ވަކީލުންނާއި، ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށްވެސް މިފައިސާ ލިބިފައިވާކަމަށް ތަހުޤީޤްތަކަށް ވަނީ ހާމަވެފައެވެ.

ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމިންގެ ވެރިކަމުގައި ހިންގި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ ތިން ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެޚިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރައީސް ޞާލިޙް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެެ.

ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެެ. އެހެން ނަމަވެސް ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ ހޯދުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާކަން ސަރުކާރު ކޯލިޝަންގެ މައިޕާޓީ، އެމްޑީޕީން ވެސް އަންނަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު