ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީީސް ޔާާމީން ދެއްކެވި ވާހަކަފުޅުގައި ކޮވިޑްގެ ވާހަކަ ނުގެނައުމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދަށް އެކަން އައިބުވެއްޖެއެވެ.

ދެއަހަރު ދުވަހު ސިޔާސީ ޕޯޑިއަމާއި ދުރުގައި ހުންނެވުމަށްފަހު ރައީސް ޔާމީން ވަނީ ރޭ ޕީޕީއެމުން ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވަރަށް ގިނަ އިރުވަންދެން ރާއްޖޭގެ ސިޔާސީ އިސްފަރާތްތަކަށް ރައްދު ދެއްވުމަށް ހޭދަކުރަށްވާފައެވެ. ނަމަވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަރަށް މުހިއްމު ވާހަކަތަކެއް މަދުކަން މެންބަރު ވައްޑެ މިއަދު ވަނީ ފާހަގަކުރަށްވައި އެއީ އައިބެއްގެ ގޮތުގައި ސިފަކުރަށްވާފައެވެ.

މެންބަރު ވައްޑެ ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ކުރީގެ ރައީސެއް ދުވަސްތަކަކަށްފަހު ރައްޔިތުންނާ މުޚާތަބް ކުރެއްވިއިރު، ކޮވިޑުގެ ޢާލަމީ ވަބާގެ ވާހަކައާއި، ލައްކައަކާ ގާތްކުރާ މީހުންނަށް ބަލިޖެހި، މުޅިޤައުމު އުފުލި ދަތިއުނދަގުލާއި، އެތައް ދިވެހީންނެއް މިބަލީގައި ދުނިޔެ ދޫކޮށް ގޮސްފައިވާކަން ފާހަގަކޮށްނުލުން ވަރަށް އައިބު ކަމަށެވެ.



އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 91،993 އަށް އަރާފައެވެ. މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު 1،726 އަށް އަރާފައިވާއިރު ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދަކީ 251 އެވެ. ނަމަވެސް ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ކޮވިޑްގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކަށް އަލިއަޅުވާލާފައެއް ނުވެއެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއަކީ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ 2 އަހަރު ދުވަސް ތަންފީޒުކުރެއްވި ފަހުން ސްޕްރީމް ކޯޓުން އެހުކުމް ބާތިލު ކުރުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބޭއްވި ޖަލްސާއެކެވެ. މިއީ މިނިވަންވެ ވަޑައިގަތްފުނުން ރައީސް ޔާމީން އާންމުތަނެއްގައި މިގޮތަށް ވާހަކަފުޅު ދެއްކެވި ދެވަނަ ފަހަރެވެ.

ރައީސް ޔާމިނަށް އިއްވި ޖަލު ހުކުމުން އެމަނިކުފާން ސަލާމަތްވުމާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައި އެމަނިކުފާނަށް ސަޕޯޓްކުރާ ގިނަ ބަޔަކު ގެންދަނީ އުފާފާޅުކުރުމުގެ އެކި ހަރަކާތްތައް ބާއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން