ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
މުއްސަނދިކަމަކީ ހަމައެކަނި ބަންޑާރަ ތިޖޫރީގައި ހުންނަންޖެހޭ އެއްޗެއް ކަމާމެދު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މި ބީދައިން ސުވާލެއް އުފައްދަވާފައިވަނީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލުން މިނިވަންވެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިދިކޮޅުން ބޭއްވި ބޮޑު ޖަލްސާއަށް ޓުއަރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ފާޑުވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޑރ. މައުސޫމް ވިދާޅުވެފައިވަނީ "ކޮރަޕްޓުފުޅު ފަރާތްތަކަށް ގަބީލާގަބީލާގެ ބޮޑުން ގުލްދަސްތާ ވެދުންކުރާނަމަ އެގައުމެއްގާ ކޮރަޕްޝަނަކީ އާދަކާދައަކަށްވެ، ގައުމުގެ މުއްސަނދިކަން ބަންޑާރަތިޖޫރިން ބީވެ، ގައުމު ދަރަނިވެރިވެ، ރައްޔިތުން ބޮޑުތަނުން ފަގީރުވެ އަޅުވެތިވާނެ" ކަމަށެވެ.

އެކަމާ ގުޅިގެން ޑރ. މައުސޫމަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވީ، މުއްސަނދިކަމަކީ ބަންޑާރަ ތިޖޫރީގައި ހުންނަންޖެހޭ އެއްޗެއްކަން ދެނެވަޑައިނުގަންނަވާ ކަމަށެވެ. ޑރ. މައުސޫމް މީގެ ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ހަނދާން އާކޮށްދެއްވަމުން ޝިޔާމް ވަނީ މިހާރު އައްޑޫ ރައްޔިތުންގެ ޖީބަށް ޕައުންޑު ވައްދާ ނިމުނީތޯ ސުވާލު ކުރަށްވާފައެވެ.



ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޞާލިޙަކީ ރައްޔިތުން ގުލްދަސްތާތައް ވެދުންކުރާ ވަރުގެ ވެރިއަކަށްނުވާތީ އެފަދަ މަންޒަރު ނުފެންނާނެ ކަމަށާއި، އަދި އެކަމާ މިނިސްޓަރު މައުސޫމުގެ ހިތްޕުޅަށް ތަދުވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އިދިކޮޅުން ކާނިވަލް ސަރަހައްދުގައި ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާއަށް ގިނަ ޢަދަދެއްގެ މީހުން ޙާޟިރުވެ ރައީސް ޔާމީނަށް އޮތް ތާޢީދު ދައްކާލާފައި ވާއިރު އެ ޖަލްސާގައި ރައީސް ޔާމީންވަނީ ސަރުކާރަށް ބަހުގެ ގިނަ ޙަމަލާތަކެއް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު