އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
600 ޙާފިޒުން އުފެއްދުމުގެ މަސައްކަތް މި ހަފުތާގައި ފަށާނެ ކަމަށް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ފަރާތުން އިޢުލާންކުރި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢު 600 ދަރިވަރުންނާއެކު މިހަފުތާ ބަންދުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. ޙާފިޒުން އުފެއްދުމުގެ ކްލާސްތަކުން ޖާގަ ހޯދަން ގިނަ ފަރާތްތަކަކުން އަދިވެސް އެދެމުންދާތީވެ، ހެނދުނު ދަންފަޅިއަށް ރެޖިސްޓްރީވާން އަލުން ހުޅުވާލާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

"މިމަޝްރޫޢަކީ ޙާފިޒުން އުފެއްދުމުގެ މަޝްރޫޢެއްގައި މިހާ ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވާ މިފަދަ ފުރަތަމަ މަޝްރޫޢު. މި މަޝްރޫޢު ކުރިއަށްދާނީ އޮންލައިންކޮންނާއި ޙާޒިރުވެ. ކުލާސްތައް ބޭއްވިގެންދާނީ ފުރިހަމަ މާޙައުލެއްގަ. އޭސީ ކުރެވިފައިވާ ކުލާސްރޫމްތަކުގައި." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ކޮންމެ ކުލާސްރޫމެއްގައި ސްމާރޓް ބޯޑު ބެހެއްޓިފައިވާނެ ކަމަށާއި އަދި ރާގު ދަސްކޮށް ޤާރީންގެ ކިޔެވުން އަޑު އެހުމަށް ޚާއްޞަ ލެބެއް ޤާއިމްކުރެވިފައިވާނެ ކަމަށެވެ. އަދި ޚާއްޞަ ލައިބްރަރީއެއްވެސް ޤާއިމުކުރެވިފައިވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ޤުރުއާންގެ ޢިލްމު އުނގެނުމަށް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ފުރިހަމަ މާޙައުލަށް ޢިލްމު އިންސްޓިޓިއުޓް ވެގެން ދިއުމަކީ އަޅުގަނޑުގެ އުންމީދު. މާތް ﷲ މި މަސައްކަތުގައި ބަރަކާތްލައްވާށި." ޑރ. ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ނަމުގައި ޑރ. ޝަހީމް އުފެއްދަވާފައިވާ ޖަމުޢިއްޔާގެ މަޤުސަދަކީ ތަޢުލީމާއި ތަރުބިޔަތާއި ފިކުރާއި އިސްލާމީ އަޚުލާޤާއި ޙަޟާރަތާއި ޘަޤާފަތާއި އިސްލާމީ މެދުމިނުގެ އުޞޫލުތައް ކުރިއެރުވުމެވެ.



ކިޔުންތެރިންގެ ހިޔާލު