މާފަންނު މެދު ދާއިރާގެ މަޖިލީސް މެމްބަރު، އިބްރާހިމް ރަޝީދު
މާފަންނު މެދު ދާއިރާގެ މަޖިލީސް މެމްބަރު، އިބްރާހިމް ރަޝީދު
ރާއްޖޭގެ ކަނޑުއޮޅިތަކަށް ފާރަލުން އިތުރުކުރި ވަރަކަށް "ޓަކާ ޓަކާ" އަޑުތައް ގަދަވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މަޖިލީސް މެމްބަރު، އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަންވީ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ޑްރަގް އޮޕަރޭޝަންތައް ވަރުގަދަކުރިވަރަކަށް އަދި ކަނޑުއޮޅިތަކަށް ފާރަލުން އިތުރުކުރިވަރަކަށް ބަޣާވާތު ގޮވެލިފަތީގެ "ޓަކާ ޓަކާ" އަޑުތައް ގަދަވާނެ ކަމަށެވެ.

""ޓަކާ ޓަކާ ޓަކާ" ގޮވެލިފަތީގައި ފޮރުވިފައި އޮންނަ ހަގީގަތް ދަންނަ ޖީލެއް ގައުމުގައި ވަނީ އުފެދިފައި! އޮޅުވައެއް ނުލެވޭނެ!" ބޮންޑެ ވިދާޅުވިއެވެ.



އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2012 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ރައީސް ކަމުން އިސްއުފާދެއްވީ ސަރުކާރުގެ ތެރެއިން ނައިބު ރައީސަކަށް ޑރ. ވަހީދު ހުންނަވައިގެން ހިންގެވި ޙަރަކާތްތަކެއްގެ ސަބަބުން ކަމަށް އެމްޑީޕީން ޤަބޫލުކުރެއެވެ. އަދި އެއީ ބަޣާވާތެއް ކަމަށާއި ރައީސް ވަޙީދަކީ ބާޣީއެއް ކަމަށް ތަކުރާރުކޮށް އެމްޑީޕީގެ އިސް ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ޑރ. ވަހީދު ވިދާޅުވީ، ވެރިކަމާ ހަވާލުވާ ބޭފުޅެއްގެ ތަސައްވަރެއް އޮންނަން ޖެހޭނެ ކަމަށާއި ވެރިކަމާ ހަވާލުވާންވާނީ އެކަން ކުރެވޭ ވަރުގެ ބޭފުޅުން ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ކިބައިގައި ޤައުމެއް ގޮވައިގެން ރަނގަޅު މިސްރާބަށް ދަތުރުކުރުމުގެ ގާބިލުކަންވެސް ނެތް ކަމަށް ޑރ. ވަޙީދު ވިދާޅުވިއެވެ.

ޤައުމުގެ ޙާލަތު މިހާރު އޮތްގޮތުން ދިވެހިރާއްޖޭގެ ސަރުކާރާ ރައީސް ޔާމީން މިހާރުން މިހާރަށް ހަވާލުވާން ވެއްޖެކަމަށް ޑރ. ވަޙީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ އިސް ބައެއް މެންބަރުން ވަހީދުގެ މި ގޮވައިލެއްވުން ސިފަ ކުރަށްވަނީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް ވަހީދު ގޮވައިލެއްވި ގޮވާލެއްވުމެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު