ރައްޔިތުުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
މިވަގުތު އެއްވެސް ސިޔާސީ ޕާޓީއަކަށް ގުޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ރައްޔިތުުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދާދިފަހުން އުފެއްދި ޕާޓީއަކަށް ރީކޯ މޫސަ ގުޅިވަޑައިގެންފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކާ ގުޅިގެން މޫސަ މިއަދު "ރަސް އޮންލައިން" އަށް ވިދާޅުވީ އެއީ އެއްވެސް އަސްލެއްނެތް "ފޭކް ފޮޓޯ" އެއް ކަމަށެވެ. އަދި އެފަދަ ފޮޓޯއެއް ދައުރުކުރަމުންދަނީ ކޮންމެ މަޤްސަދެއްގައި ނަމަވެސް އެކަން އެގޮތަށް ނުކުރުމަށް މޫސަވަނީ އެދިވަޑައިގެންފައެވެ.

"މިވަގުތު އެއްވެސް ސިޔާސީ ޕާޓީއަކަށް ގުޅުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެއްވެސް ޕާޓީއަކާ ގުޅިވަޑައިގަންނަވާނަމަ އެކަން ކުރަށްވާނީ ހުރިހާ ދިވެހިރައްޔިތުންނަށް ފެންނަ ގޮތަށް މީޑިއާގެ ކުރިމަތީގައި ކަމަށެވެ. އަދި ސޯޝަލް މީޑިއާއަށް ދޫކޮށްލާ ފޮޓޯއަކުން އެކަން ނުކުރަށްވާނެ ކަމަށް މޫސަ މިއަދު ވިދާޅުވިއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުވެސް އަދާކުރަށްވާފައިވާ މޫސަ މިއަދު ވިދާޅުވީ މިވަގުތު ޕާޓީއަކާ ގުޅިވަޑައިނުގެންނެވި ނަމަވެސް އެމްޑީޕީއާ ގުޅޭގޮތުން މިހާރުވެސް ޚިޔާލުފާޅުކުރެވެނީ އެޕާޓީއަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. އެގޮތުން އެމްޑީޕީއާ އެއްވެސް ވަރަކަށް ދުރަށްވަޑައި ނުގަންނަވާކަމަށް މޫސަ ވިދާޅުވިއެވެ.

"އެމްޑީޕީ އަކީ ހިތާރޫޙުން ގުޅިފައިވާ އަޅުގަނޑުމެން އެތައް ޤުރުބާނީއެއް ވެގެން އުފެއްދި ޕާޓީއެއް. އެހެންވެ ޕާޓީ އުފެއްދި ރޫޙާ ޚިލާފަށް ކަމެއް ހިނގިޔަސް އެކަމަށް ފާޑު ކިޔަނީ. އެއީ ލޯބިން." މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ މޫސަގެ ހިތްޕުޅުގައި އެމްޑީޕީއަށް އަބަދުވެސް ލޯތްބާއި އިޙްތިރާމް އޮންނާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު