ދިފާޢީ ވާޒީރު މާރިޔާ އަޙްމަދު ދީދީ
ދިފާޢީ ވާޒީރު މާރިޔާ އަޙްމަދު ދީދީ
ކުއްލި ނުރައްކާ އިޢުލާނުކޮށް ރައީސްޔާމީން ޖަލަށްލުން ހުއްދަވާނެތޯ ރާއްޖޭގެ ފުރަތަަމަ އަންހެން ދިފާޢީ ވާޒީރު މާރިޔާ އަޙްމަދު ދީދީ ސުވާލު އުފައްދަވައިފިއެވެ.

ވަޒީރު މާރިޔާ މިފަދަ ސުވާލެއް އުފައްދަވާފައި މިވަނީ 1 ފެބްރުވަރީ 2018 ގައި ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސުޕްރީމްކޯޓުގެ ފުރާޅުން "ޓިނު ނަގަން" ޖެހުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން ނޯންނާތީ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އެއްވެސް ތަހުގީގީ އިދާރާއަކަށް ހާޒިރު ނުކުރެވޭ ގޮތަށް ޤާނޫނުގެ މާއްދާއެއް އޮތްކަންވެސް އެނގިވަަޑައިގަތީ 1 ފެބްރުވަރީގެ އަމުރަށް ފަހު ކަމަށެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ހަމައެކަނި އެ މާއްދާ އުވައިލުމަށްޓަކައި ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެވާހަކަފުޅުތަކަށް ރައްދު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރި ސުޕްރީމްކޯޓުގެ ޙުކުމުގައި، ރައީސް ޔާމީން ކަންކުރަށްވާފައިވަނީ ޤައުމެއްގެ ރައީސަކު ކަންކުރަށްވާނެ ގޮތަށް ނޫންކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ޢިޢުލާނުކޮށް ރައީސް ޔާމީން ޖަލަށްލުން ހުއްދަވާނެތޯ، މާރިޔާ ވަނީ ޔާމީން އަރިހުން ސުވާލު ކުރަށްވާފައެވެ.

ގައުމެއްގެ ދިފާޢީ ވަޒީރު މިފަދަ ހައްސާސް މައްސަލައެއްގައި ސުވާލު އުފެއްދެވުމަކީ ވަރަށް ހައްސާސް މައްސަލައެއްކަން ބައެއް ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

"ވީމާ ޗެކް ނަންބަރު ދިމާނުވެ މަނިކުފާނު ދޫވީމަ މަނިކުފާނު ކުއްލި ނުރައްކާ ހިންގާ ޖަލަށްލުން ޤާނޫން ހުއްދަކުރާ ކަމަށްތޯ ތި ވިދާޅުވަނީ." މާރިޔާ ސުވާލު އުފައްދަވާފައި ވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، އޭރުގެ ސުޕްރީމް ކޯޓުން 1 ފެބްރުވަރީ 2018 ގައި ހުކުމްކުރީ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ވަނީ އެޙުކުމް ތަންފީޛު ކުރެއްވުމުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން އެ އަމުރު ބާތިލުކޮށްފައިވާއިރު ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެއީ ޝާހީ ބަޣާވާތްފުޅެއް ކަމަށެވެ. އަދި ފެބްރުއަރީ 1، 2018 އަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު "ހަނދުކޭތަ" ހިފި ދުވަސް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ރައީސް ޔާމީން މަޖާޒީ ބަހުރުވައަކުން މަލާމާތުގެ ރާގެއްގައި މި ބަސްތައް ރައްދު ކުރަށްވާފައި މިވަނީ އެމަނިކުފާނުގެ އެއްބަފާ ބޮޑުބޭބޭފުޅު ރައީސް މައުމޫނަށާއި އެމަނިކުފާނުގެ ބައެއް ބޭފުޅުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު