އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، އަހުމަދު ޝަރީފް އާއި ރައީސް ޔާމީން
އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، އަހުމަދު ޝަރީފް އާއި ރައީސް ޔާމީން
ރައީސް ޔާމީންގެ ނަޒާޙަތްތެރިކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާޤު ވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް، އީސީ ޝަރީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން "ކޮތަރު ކޮށި" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި އީސީ ޝަރީފަކީ އެންމެ ބޮޑު ޚާއިނުކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ޝަރީފް ގެންދަވަނީ ރައީސް ޔާމީނަށް އަމާޒުކޮށް ބަހުގެ ޙަމަލާތަކެއް ދެއްވަމުންނެވެ. އެގޮތުން ރައީސް ޔާމީނަށް އޭނާއާއި ބެހި ނުލައި ނުހުރެވޭނެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ޖާހިލުން އުޅޭހެން ނޫޅުއްވުމަށް ރައީސް ޔާމީނަށް ގޮވާލެއްވުމަށް ފަހު ޝަރީފް މިއަދު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ރައީސް ޔާމީންގެ ނަޒާޙަތްތެރިކަން ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

"މި ކަމަށްވެސް ތިން ފަނޑިޔާރުން އިއްތިފާޤުވޭ. މި ކިޔާލީމަ މަނިކުފާނަކީ ނަޒާޙަތްތެރިކަން ގެއްލިފައިވާ ބޭފުޅެއްކަން ސާފުވޭ." ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ 2018 ގެ ރިޔާސީ އިންތިޚާބު ވިލަރެސްކޮށް އިންސާފާއި ހަމަހަމަކަމާއެކު އެ އިންތިޚާބު ބާއްވައިދިނުމުގެ ގާނޫނީ ޒިންމާއާއި ހަވާލުވެ ވަޑައިގެން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އީސީ ޝަރީފް ވިދާޅުވިއެވެ.



މީގެ އިތުރުން ޝަރީފްވަނީ ޤާނޫނު އަސާސީން ޙިމާޔަތް ލިބެނީ ވަކި މީހަކަށް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ހުރިހާ އެންމެންނަށް ހަމަހަމައަށް ޤާނޫނު އަސާސީން ޙިމާޔަތް ލިބޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރޭ އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު 2018 ގެ އިންތިޚާބުގައި ބަލިވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން 2018 ގެ އިންތިޚާބުގެ ނަތީޖާއަކީ ބަޔަކު ރާވައިގެން ކުޅުނު ކުޅިގަނޑެއްކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ޝަރީފަށް ނިސްބަތް ކުރަށްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާ ގޮތަށް ކަމަށެވެ. ނަމަވެސް ޝަރީފަކީ ހާއިނުންގެ ތެރެއިން އަރާހުރި ޚާއިނެއްކަމަށާއި ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި 2018 ގެ ވޯޓުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު