އެމްއެންޕީގެ ނައިބުރައީސް އަޙްމަދު ޝަރީފް
އެމްއެންޕީގެ ނައިބުރައީސް އަޙްމަދު ޝަރީފް
މީގެ ކުރިން ރާއްޖޭގައި ވެރިކަން ކޮށްފައިވާ އަދި މިހާރު ވެރިކަން ކުރަމުންދާ ރައީސަކަށް ދެން ވޯޓު ނުދޭނެކަމަށް ރައްޔިތުން ބުނަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ ކޮންމެ ރައީސަކުވެސް އަމަލު ކުރަނީ ވެފައިވާ ވައުދުތަކާއި ދިމާއިދިކޮޅަށް ކަމަށް ސަރުކާރުގެ އެކި އިދާރާތަކުގެ މުއައްޒަފުން ބުނަމުން ގެންދާ ކަމަށެވެ. އޭގެ އިތުރުން މުވައްޒަފުން ތިބީ ވަޒީފާގެ ބިރުވެރިކަމުގައި ކަމަށާއި ސިޔާސީޕާޓީ އަކާއި ގުޅުނަސް ވަޒީފާއިން ވަކި ކުރުމުގެ ބިރު އަދިވެސް އޮންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރާއި ސިޔާސީ ފަރާތްތަކުގެ ޢަމަލުތައް ހުރިގޮތުން މީގެ ކުރިން ވެރިކަންކުރި އަދި ކުރަމުންދާ ރައީސަކަށް ދެން ވޯޓު ނުދޭނެކަމަށް އެމްއެންޕީއަށް ތާއިދު ހޯދުމުގެ ގޮތުން މިހާތަނަށް ދަތުރުކުރި ރަށްތަކުގެ ރައްޔިތުން ބުނަމުން ގެންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މަސްވެރިން، ދަނޑުވެރިން، ސިވިލް ސާވަންޓުން، ވިޔަފާރިވެރިން ބުނަނީ ހުރިހައި ރައީސުންވެސް ހެދީ ދޮގުކަމަށް." ޝަރީފް މިއަދު ވިދާޅުވިއެވެ.



މީގެ އިތުރުން ޝަރީފް ވިދާޅުވީ ލޭންޑުޔޫސް ޕްލޭނުގެ އިންތިޒާރުގައި ތިބޭތާ އެތަކެއް އަހަރު ވެއްޖެކަމަށް ހުރިހައި ކައުންސިލަރުން އިއްތިފާގުވާ ކަމަށެވެ. ނަމަވެސް ލޭންޑްޔޫސް ޕްލޭން ނުލިބުމުގެ ސަބަބުން ގޯތި ދޫނުކުރެވޭ ކަމަށާއި އިގްތިސާދީ މަސައްކަތް ކުރުުމަށް ބިން ދޫނުކުރެވި ތިއްބައި އިންވެސްޓަރުން އެހެން ދިމަދިމާލަށް ދިއުމަކީވެސް ކައުންސިލްތަކުގެ ކަންބޮޑުވުމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް 11 އަހަރުވެ 9 އިސްލާހު ގެނެވުނުއިރުވެސް ކައުންސިލްތަކަށް ގާނޫނީ ބާރު ނުލިބޭކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ރައީސުލްޖުމްހޫރިއްޔާއަށް އޮތްނަމަވެސް ބާރުދޫކޮށްލަން ނުކެރުނު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު