ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސްއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ހިސާބުތައް ގޯސް ކަމަށާއި އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި އުފެއްދުނީ ބާވީސް ހާސް ވަޒީފާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ރައީސް ޔާމީންގެ ފަސްއަހަރުގެ ދައުރުގައި އެއްލައްކަ ހަތަރުހާސް މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެމަނިކުފާނަށް އުފެއްދެވުނީ އެންމެ ބާވީސްހާސް ވަޒީފާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ކޯވިޑްގެ ދަތިކަމުގެ ތެރޭގައިވެސް މިސަރުކާރުގެ ތިން އަހަރުތެރޭ މިހާތަނަށް އެގާރަ ހާސް ވަޒީފާ އުފައްދާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކަށް ޙަވާލާ ދެއްވަމުން ރޭގެ ޕްރޮގްރާމްގައި މަބްރޫކް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި ތިބީ 18 އަހަރާއި 65 އަހަރާދެމެދުގެ ދެލައްކަ ފަސްހާސް މީހުން ކަމަށެވެ. އަދި ރައީސް ޔާމީން ރައީސްކަމަށް ވަޑައިގެންނެވި އިރު އޭގެތެރެއިން ނުވަދިހަފަސްހާސް މީހުން ތިބީ ވަޒީފާގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެއްލައްކަ ފަސްހާސް ވަޒީފާ ދެވިފައިވާ ކަމަށްވާނަމަ ރާއްޖޭގައި މިހާރު ވަޒީފާ އަދާ ނުކުރާ މީހަކު ހުރެގެން ނުވާނެ. ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރައީސް ޔާމީނުގެ ސަރުކާރުގައި އުފެދިފައިވާ ޖުމްލަ އަދަދަކީ ބާވީސް ހާސް. އެއީ ޕްރައިވެޓް ސެކްޓަރވެސް ހިމަނައިގެން." ރޭގެ ޕްރޮގްރާމްގައި މަބްރޫކް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި މަބްރޫކް ވިދާޅުވީ ވަޒީފާގެ ބާޒާރަށް ރައީސް ޔާމީން ވިދާޅުވާ މިންވަރަށް ވަޒީފާ އުފެއްދުނުނަމަ މިހާރު ރާއްޖޭގައި ވަޒީފާއެއް ނެތް މީހަކު ހުރެގެން ނުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު