ޑރ. އިބްރާހީމް އަފްޒަލް
ޑރ. އިބްރާހީމް އަފްޒަލް
ކޯވިޑްގެ އޮމިކްރޯން ވޭރިއަންޓް ޖެހިފައިވާ އިތުރު ހަތަރު މީހަކު ރާއްޖެއިން ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޮމިކްރޯނަށް ޕޮޒިޓިވް އިތުރު ހަތަރު ބަލިމީހުން ރާއްޖެއިން ފެނިފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު ވަނީ ފަހަކަށް އަރާފައެވެ. އެންމެ ފުރަތަމަ ރާއްޖޭން އޮމިކްރޯން ފެނިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގައެވެ. އެއީ މިދިޔަ މަހުގެ 27 ގައި ރާއްޖެއައި ފަތުރުވެރިއެއްގެ ގައިން ނެގި ސާމްޕަލަކުންނެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ޖެހިފައިތިބި މި މީހުންނަކީ ރާއްޖޭން ބޭރުން އައި ފަތުރުވެރިން ކަމަށާއި އޮމިކްރޯން މިހާރު ފެތުރެމުންދާ ގައުމުތަކުގެ ޓްރެވަލް ހިސްޓަރީ އެމީހުންގެ އޮތް ކަމަށެވެ. އެމީހުންނަށް ކޮވިޑްގެ އައު ވޭރިއަންޓް ޖެހިފައިވާކަން ދެނެގަނެވިފައިވަނީ ޖެނޯމިކް ސީކުއެންސުންނެވެ. އެހެންނަމަވެސް މިއީ ކޮން ގައުމަކުން ރާއްޖެ ދަތުރުކުރި ފަތުރުވެރިންނެއް ކަމެއް އެޗްޕީއޭއިން ހާމައެެއް ނުކުރެއެވެ.

އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނު ކުރަން ވަނީ ނިއްމާފައެެވެ.

މި ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރި ނަމަވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން ދަތުރުކުރަމުން އަންނަ ޔޫރަޕުގެ ގިނަ ގައުމުތަކުން އެ ވޭރިއަންޓް ވަނީ ފެނިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނީ "އޮމިކްރޯން" ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށެވެ.

ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) އާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑިސީ) އިން ބުނެފައިވާގޮތުގައި "އޮމިކްރޯން" އަކީ ކޮވިޑްގެ މިހާތަނަށް ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެކެވެ. އަދި އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމާއި ވެކްސިންތައް އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން ނުވަތަ ނޫންކަން އިލްމީގޮތުން ދެނެގަތުމަށް އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެކަމަށް ސީޑިސީ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން